ވެރިކަންކުރާ ޕާޓީގެ މަގާމުތަކަށް، އެ ފިކުރަށް އިހުލާސްތެރި ބޭފުޅުން އިންތިހާބުކުރުން މުހިއްމު ކަމަށް ޕީއެންސީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ޕީއެންސީގެ ކޮންގްރެސްއާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރީ، ގިނަ ބައެއްގެ ބުރަ މަސައްކަތުން ބިނާކުރި އެ ފިކުރުގެ މެނިފެސްޓޯ އަދި ހުށަހެޅުމަށް ދިވެހިން ކުރި އިތުބާރުން ކަމަށެވެ.
ދިވެހިންގެ ހިދުމަތުގައި ސަރުކާރު ހިންގުމުގައި އެ ފިކުރު ގާއިމްވެ އޮތުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޣައްސާން ވިދާޅުވީ އެކަން ކުރެވޭނީ ޕާޓީގެ ހަރުދަނާކަން ދަމަހައްޓައި ހިދުމަތުގައި އިހުލާސްތެރިވެގެން ކަމަށެވެ.
"އެހެންކަމުން، މަތީ މަޖިލީހުން ޕާޓީގެ މަގާމުތަކަށް 'ގާބިލު، މި ފިކުރަށް އިހުލާސްތެރި' ބޭފުޅުން އިންތިހާބުކުރެއްވުން ވަރަށް މުހިއްމު،" ޕާޓީގެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންނަށް ކާމިޔާބަށް އެދިވަޑައިގެން ކުރެއްވި ޕޯސްޓުގައި ޣައްސާން ވިދާޅުވި އެވެ.
މި ސަރުކާރާ އެކު ޣައްސާން އައްޔަންކުރެއްވީ ޑިފެންސް މިނިސްޓަރަކަށެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީ އަށް ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރުގެ ހިންގުމަށް ގެނައި ބަދަލުތަކުގައި ޣައްސާން ވެސް އިސްތިއުފާ ދެއްވީ އެވެ.
އިއްޔެ އިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ. އެ ސެނެޓުގެ 42 މަގާމަށް 120 މެމްބަރުން ކުރިމަތިލައްވަ އެވެ. އޭގެ ތެރޭގައި ނައިބު ރައީސްގެ ހަ ގޮނޑި އާއި އަންހެނުންނަށް ހާއްސަ 10 ގޮނޑި އާއި ޒުވާނުންނަށް ހާއްސަ އަށް ގޮނޑި އަދި އާއްމު މެމްބަރުންނަށް ހާއްސަކޮށްފައިވާ 18 ގޮނޑި ހިމެނެ އެވެ.