އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމްގެ ފުވައްމުލަކު އެޑިޝަން މިއަދު ފަށައިފި އެވެ.

ފުވައްމުލަކުގެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރާއްޛޭގައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް އެވެ.

އެ ރަސމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއަކީ ވެސް  މޫދާ ކައިރީގައި ބޮޑު އާބާދީއެއް ދިރިއުޅޭ ދެ ގައުމު ކަމަށްވުމުން ލައިފްގާޑު ހުނަރުތަކަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ވަރަށް މުހިންމު ހުނަރެއް ކަމަށެވެ. 

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމްގެ ފުވައްމުލަކު އެޑިޝަންގެ ބައިވެރިން --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމްގެ ފުވައްމުލަކު އެޑިޝަންގެ ބައިވެރިން --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ، އެ ރަށަކީ އެކަހެރިކޮށް އޮތް އަދި ބޮޑެތި ރާޅުތައް ނަގާ ރަށަކަށް ވާތީ، މޫދުގައި ހާދިސާއެއް ދިމާވާހިނދު އަމިއްލަ ނަފުސު ނުރައްކަލަށް ނުގޮސް އެހެން މީހުން ސަލާމަތްކުރާނެ އުކުޅުތައް ދަސްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ހާއްސަކޮށްފައި ވަނީ އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. ފުވައްމުލަކުން ވެސް 24 ކުދިންނަށް ވަނީ ފުރުސަތު ދީފަ އެވެ. 

މި ހާފުތާ ކުރީކޮޅު އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ކ. ތުލުސްދޫގަ އެވެ. އެ ރަށުން ވެސް 24 ކުދިން ތަމްރީނު ކުރި އެވެ.

ލައިފްގާޑް ޕްރޮގްރާމްގެ ކޯސް ޑިރެކްޓަރު އަދި ލީޑް ޓްރޭނަރަކީ އޮސްޓްރޭލިއާގެ ޕެރީ ހޭޗެޓް، އެ ޕްރޮގްރާމްގެ ބައެއް ބައިވެރިންނާ އެކު ފުވައްމުލަކުގެ މޫދުގައި --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ލައިފްގާޑް ޕްރޮގްރާމްގެ ކޯސް ޑިރެކްޓަރު އަދި ލީޑް ޓްރޭނަރަކީ އޮސްޓްރޭލިއާގެ ޕެރީ ހޭޗެޓް، އެ ޕްރޮގްރާމްގެ ބައެއް ބައިވެރިންނާ އެކު ފުވައްމުލަކުގެ މޫދުގައި --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާއާ ގުޅިގެން އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ކޯސް ޑިރެކްޓަރު އަދި ލީޑް ޓްރޭނަރަކީ އޮސްޓްރޭލިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޕެރީ ހޭޗެޓް އެވެ.

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުނިގޮތުގައި މިއީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، މޫދުގައި ރައްކާތެރިވުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ. އެ ޕްރޮގްރާމްގައި ކަނޑަށް ފަރިތަވުމާއި އަދި ލީޑާޝީޕް ހުނަރު ވެސް ދަސްކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނައިބު ރައީސް އާމިނަތު ސޮލާހު ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން ބޭނުންތެރި އެހެން ހުނަރުތައް ދަސްވުމުގެ އިތުރަށް ދިވެހި ލައިފްގާޑުންގެ ގާބިލުކަން ވެސް އިތުރުވެގެންދާނެ އެވެ.