އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް ޖޫނިއަ ލައިފްގާޑް ޕްރޮގްރާމް"، ޕައިލެޓް މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
"ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާ"އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ކުރިއަށްގެންދިޔައީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ކ. ތުޅުސްދޫގައި މި މަހު 12 އިން 14 އަށް ކުރިއަށްގެންދިޔަ އެވެ. ދެވަނަ ބުރު ކުރިއަށްދިޔައީ ފުވައްމުލަކުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ހިންގި މި ޕްރޮގްރާމުގައި އެ ދެ ރަށުން ޖުމުލަ 48 ބައިވެރިން ތަމްރީނު ކުރި އެވެ. އެއީ ކޮންމެ ރަށަކުން 24 ވައިވެރިންނެވެ.
މި ޕްރޮގްރާމްގެ މައިގަނޑު ސެޝަންތައް ނަގައި ދިނީ ކޯސް ޑިރެކްޓަރު އަދި ލީޑް ޓްރޭނަރު އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޕެރީ ހޭޗެޓް އެވެ.
އޭއެމްއެފްއޭގެ ރައީސް ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، އެ ދެ ރަށުގައި ބޭއްވި ޕައިލަޓް ޕްރޮގްރާމްތަކުން ލިބުނު ތަޖުރިބާގެއަލީގައި ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް އިތުރަށް ފުރިހަމަކުރެވިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ރަށްރަށުގެ ކައުންސިލްތަކާ އެކު ޕާޓްނާޝިޕް އުސޫލުން މަސައްކަތްކުރުމަށް ރޭވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭއެމްއެފްއޭގެ ނައިބު ރައީސް އަދި އެ ޕްރޮޖެކްޓް ލީޑް އާމިނަތު ސޮލާހް ވިދާޅުވީ، މި ޕްރޮގްރާމުގެ އަމާޒަކީ ހަމައެކަނި ތިން ދުވަހުގެ ތަމްރީނެއް ދިނުން ނޫން ކަމަށެވެ. މޫދުގެ ސަލާމަތްތެރިކަމުގެ މައުލޫމާތާއި ހުނަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ އަމާޒެއް ކަމަށް، ވިދާޅުވި އެވެ. އަދި މުޖުތަމައު ބައިވެރިވުން އިތުރުކޮށްގެން ކުރިއަށް އޮތް ތަނުގައި ރަށްރަށުން އަމިއްލައަށް ތަމްރީނުދޭނެ އިންސްޓްރަކްޓަރުން އުފެއްދުމަކީ ވެސް މި ޕްރޮގްރާމުގެ ދުރު މުސްތަގުބަލުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު، މި ޕްރޮގްރާމް އެކި ރަށްރަށުގައި ބޭއްވުމަށް ކައުންސިލްތަކަށް ފުރުސަތު ހުޅުވާލާނެ ގޮތުގެ ތަފްސީލު ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށް އޭއެމްއެފްއޭއިން ބުންޏެވެ.