ގައިދީންނަށް ސިއްހީ ފަރުވާ ދިނުން ލަސްވާ މައިގަނޑު ސަބަބަކީ ބަލި މީހުން ހޮސްޕިޓަލަށް ގެންދާނެ ޖަލު އޮފިސަރުން ނެތުން ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގެ ސަބަބުތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ބުނީ 2024، 2025 އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބަލި މީހުންނަށް އަވަހަށް ފަރުވާ ދިނުން ލަސްވުމުގެ މައިގަނޑު އެންމެ ބޮޑު ސަބަބަކީ އެކަށީގެންވާ އަދަދަށް ޖަލު އޮފިސަރުން ނެތުން ކަމަށެވެ.
އޮފިސަރުން ނެތިގެން ފަރުވާ ލަސްވާ ޕަސެންޓޭޖް
- 2024 ވަނަ އަހަރު 49.5 ޕަސެންޓު
- 2025 ވަނަ އަހަރު 46.9 ޕަސެންޓު
- މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ވަނީ 63.2 ޕަސެންޓަށް އިތުރުވެފައި
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދެ ވަނައަށް އެންމެ އާއްމު މައްސަލައަކީ ސްޕެޝަލިސްޓަށް ދެއްކުން އެޕޮއިންޓްމަންޓު ލިބުން ލަސްވުމެވެ.
- 2024 ވަނަ އަހަރު 18.5 ޕަސެންޓު
- 2025 ވަނަ އަހަރު 20.3 ޕަސެންޓު
- މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 15.8 ޕަސެންޓު
އިދާރީ ގޮތުން އަރާ އޮޅުންތަކާ ހެދި ފަރުވާ ލަސްވުމުގެ މައްސަލަތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް، އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ގައިދީން ޑޮކްޓަރަށް ދެއްކުން ލަސްވާ އިތުރު ސަބަބުތަކުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދުން ލަސްވުމާއި އެ މީހުން ޑޮކްޓަރަށް ދައްކަން ގެނެސް ބައިތިއްބާނެ ޖާގަ ނެތުން ހިމެނެ އެވެ.
ގައިދީންނަށް ފަރުވާ ދިނުން ލަސްވާ މައްސަލައިގައި އެޗްއާރުސީއެމުން ރިޕޯޓެއް ނެރުނުއިރު، ޖަލުގެ ހާލަތު ރަނގަޅުކުރަން އެ ކޮމިޝަނުން މީގެ ކުރިން ވެސް ރިކޮމެންޑޭޝަންތައް ދީފައިވެ އެވެ.