ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލާފައިވާ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން ރޭ ބުނި ގޮތުގައި ޖަލުގައި ތިބި އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި އެ މީހުން ދޫކޮށްލަން ގޮވާލާ ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ވަނީ ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލައިފަ އެވެ.
ކޮމިޝަންގެ އެ ޒިޔާރަތްތަކުގައި، އެ މީހުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތަހުގީގު ކުރަންޖެހޭ ކަންކަން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
ލީވާން އާއި ޝަހުޒާން ފުރަތަމަ މާފުށީ ޖަލުގެ ޔުނިޓް12ގައި ބައިތިއްބާފައި ތިބި ނަމަވެސް، މިހާރު ލީވާން ވަނީ ޔުނިޓް 10ގެ ގޮޅިއަކަށް ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައި ސަބަބެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ލީވާންގެ ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި އޭނާ މިހާރު ބަހައްޓާފައިވާ ގޮޅީގައި އިތުރު މީހަކު ނެތެވެ. އަދި އެ ގޮޅިއާ ޖެހިގެން ހުރީ މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ތިބި ގޮޅިތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ވަކީލު ފާހަގަކޮށްފައިވާ ގޮތުގައި ލީވާންގެ ސިއްހީ ފަރުވާއަށް ވެސް ކަރެކްޝަނަލް ސާވިސް އިން ދަނީ ހުރަސް އަޅަމުންނެވެ. އޭނާއަކީ ހަމުގެ މައްސަލައެއް ހުންނަ މީހަކަށް ވާއިރު ޖަލަށްލީ ފަހުން އެ ހާލަތު ގޯސްވަމުންދާ ކަމަށް ބުންޏެވެ. އެ ހާލަތަށް ބޭނުންވާ ހާއްސަ ލޯޝަނެއް އާއިލާއިން ޖަލަށް ފޮނުވި ނަމަވެސް، އެ ލީވާން އަށް ފޯރުކޮށްދީފައި ނުވާ ކަމަށް އާއިލާއިން ވެސް ވަނީ ބުނެފަ އެވެ.
ވަކީލްގެ މި ވާހަކަތަކާ ގުޅިގެން ކަރެކްޝަނުން ބުނެފައިވަނީ ދެ ނޫސްވެރިންގެ ވެސް މެޑިކަލް އެސެސްމަންޓެއް ހެދި ކަމަށާއި އޭގެ ފަހުން ލީވާން ސިއްހީ ފަރުވާއަކަށް އެދިފައި ނުވާ ކަމަށެވެ. އަދި އޭނާ ވަކި ގޮޅިއަކަށް ބަދަލުކުރުމަކީ އެތެރޭގެ ނިމުމެއް ކަމަށާއި އޭގެ ސަބަބު ހާމަ ނުކުރާނެ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ. އެ އިދާރާ އިން ބުނާ ގޮތުގައި ލީވާން ހުރީ އެކަހެރި ގޮޅިއެއްގައި ނޫނެވެ.
"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ މައްސަލައިގެ ތެރެއިން ދައުލަތުން އެދިގެންނެވެ.
އެ އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައި ޝަހުޒާން ޖަލަށްލާފައިވަނީ 15 ދުވަހަށެވެ. އެއީ، އެ ޑޮކިއުމެންޓްރީގައި ހިމެނޭ ކަމަކާ ގުޅޭ ސުވާލެއް ކުރި ކަމަށް ބުނެ އެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާފައިވަނީ އެ އަމުރާ ގުޅޭ ޚަބަރެއް ލިޔުނު ގޮތަކުންނެވެ. އެ ދެ ހުކުމް ވެސް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ ދެ ނޫސްވެރިން ދޫކޮށްލަން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވާއިރު، މާލޭގައި އެކަމަށް ގޮވާލާ ސިލްސިލާ މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.