ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު ޖޫން 2031 އަށް ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ. 

އެންވަޔަރަނަމަންޓް މިނިސްޓްރީގެ މަޝްވަރާގެ މަތިން އެ ގޮތަށް ނިންމަވައި "ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު" ކަނޑައެޅުމުގެ ގަރާރަށް ރައީސް ވަނީ އިސްލާހު ގެނުއްވައިފަ އެވެ. 

ރައީސް އޮފީހުން ބުނީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަމްބަރު އެކެއްގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރުން ޖޫން 2، 2021 އިން ޖޫން 2031 އަށް ބަދަލުކުރަން ނިންމާފައިވާ ކަަމަށެވެ. އަދި އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން ޑިސެމްބަރު 19، 2022 އިން ޑިސެމްބަރު 19، 2031 އަށް ފަސްކުރުމަށް ވެސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

އެ އޮފީހުން ބުނި ގޮތުގައި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހު ވެސް ޑިސެމްބަރު 1، 2029 އަށް ފަސްކޮށްފައިވާ ކަަމަށެވެ. އެތަކެތި ބާޒާރަށް ނެރުން މަނާކުރާ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖޫން 1، 2030 އެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެކަމަކު އޭގެ ތެރޭގައި ފެން ނުހިމެނެ އެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އެ އިސްލާހުތައް ގެނެސް މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ބަދަލުކޮށްފައި ވަނީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި އާންމުންނަށް ކުރިމަތިވި ދަތިތަކަށް ވިސްނައި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި 500 މިލިލީޓަރުގެ ފުޅީގެ ބަދަލުގައި 250 މިލިލީޓަރަށް ވުރެ ކުދި ފުޅި މަނާކުރާ ގޮތަށް ހަމަޖެއްސީ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ކަމަށް ވެސް އެ އޮފީހުން ބުންޏެެވެ. 

އެ އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ އަމާޒަކީ ތިމާވެށި ރައްކާތެރިކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރާއިރު ރައްޔިތުންގެ ދިރިއުޅުމަށާއި އިގްތިސާދަށް ކުރިމަތިވާ ހުރަސްތައް ނައްތާލައިގެން ކުރިއަށް ދިއުމެވެ.