ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ. 

ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ގޮތުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ތެރޭގައި ޕްލާސްޓިކް ހޮޅި ހިމެނެ އެވެ. އެ ބާވަތަކީ 2022 ވަނަ އަހަރު، ކުރީގެ ސަރުކާރުން މަނާކޮށްފައިވާ އެއްޗެކެވެ. 

ނަމަވެސް، އެކަމަށް ބަދަލު ގެނެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ސަސްޕެންޑްކޮށް އެ ބާވަތް މަނާކުރުމުގެ އާ ތާރީހެއްގެ ގޮތުގައި މިހާރު އޮތީ ޖޫން 2031 ކަނޑައަޅާށެވެ. 

ރައީސްގެ ނިންމެވުމާ މެދު ކަންބޮޑުވެ އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ނިންމުމަކީ، އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވަނިކޮށް، ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށެވެ. 

ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރުމުގެ ސިޔާސަތާ އެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނިބުނި ފެންނަ މިންވަރު ވެސް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަން ފާހަގަކުރެވޭ ކަމަށް ބަޔާނުގައި ބުންޏެވެ.

"މިފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް، އެކަށީގެންވާ ސަބަބެއް، ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް،" ބަޔާނުގައި ބުންޏެވެ. 

އެމްޑީޕީން ބުނީ މިކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީ އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށާއި މިފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެގެންކަން، ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެގެންކަން، ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވާ ކަމަށެވެ. 

"ތިމާވެއްޓާ ގުޅޭގޮތުން ރާއްޖެއިން ވެފައިވާ ވައުދުތައް ތަކުރާރުކޮށް ފަސްކުރުމަކީ، މުސްތަގުބަލުގައި ތިމާވެށީގެ ގަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ކުޑަވެގެންދާނެ ކަމެއް. އަދި ތިމާވެށީގެ ރޮނގުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތަށް ކުރާ ގޯނާއެއް .އަދި ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ކުރާ ފުރައްސާރައެއް،" އެމްޑީޕީން ބުންޏެވެ. 

މި ނިންމުން ނިންމީ ސަރުކާރުން ބުނެފައިވާ ގޮތުގައި ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރާ ކަރުދާސް ހޮޅި ބޭނުންކުރުމުގައި ފޫދި ފެނަށް ގިރި، ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާ އެއްޗެއް ކަމުގައި އެ ބޭނުން ކުރާ ފަރާތްތަކުން ފާހަގަކުރަމުންދާ ކަމަށާއި އަދި މިފަދަ ހޮޅި އުފެއްދުމުގައި ހޮޅީގެ އެތެރޭގައި ޕްލާސްޓިކް ފަށަލައެއް ލެވި އަދި ތެރަސް ބޭނުންކޮށްފައި ހުރުމުން މިފަދަ ހޮޅި ބޭނުންކޮށްފައި އެއްލާލުމުން މައިކްރޯ ޕްލާސްޓިކް އުފެދުމަށް ފުރުސަތު ބޮޑުވެ އެވެ. 

ޕްލާސްޓިކް ހޮޅީގެ އިތުރުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުން ވެސް ވަގުތީ ގޮތުން ވަނީ ހުއްދަ ކޮށްފަ އެވެ. އަދި 500 މިލިލީޓަރުގެ ބަދަލުގައި 250 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް މަނާކުރަން ވެސް ވަނީ ނިންމައިފަ އެވެ.