ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދެ މިލިއަނަށް ވުރެ ގިނަ ގަސް މިހާތަނަށް އިންދައިފި އެވެ. 

އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާތަނަށް 2،463،339 ގަސް އިންދާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން 6.3 މިލިއަނަށް ވުރެ ގަސް އިންދަން އެކި އިދާރާތަކުން މިހާތަނަށް ނިންމާފައިވަނީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

އެންމެ ގިނަ ގަސް އިންދާފައިވަނީ ރިސޯޓުތަކުގަ އެވެ. އެއީ 1.2 މިލިއަނަށް ވުރެ ގިނަ ގަހެވެ. 

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން މިހާތަނަށް 566،000 އަށް ވުރެ ގަސް އިންދާފައިވާއިރު، ސަރުކާރު ކުންފުނިތަކުން 414،000 އަށް ވުރެ ގަސް އިންދާފައިވެ އެވެ. އަދި ސްކޫލްތަކުން 189،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކުން 42،000 އަށް ވުރެ ގަސް ވަނީ އިންދައިފަ އެވެ.

މިނިސްޓްރީތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން 25،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، ގެސްޓްހައުސްތަކުން ވަނީ 595 ގަސް އިންދައިފަ އެވެ. 

އެންމެ ގިނަ ގަސް އިންދުމަށް މިހާތަނަށް ނިންމާފައިވަނީ މާލެ އަތޮޅުގައި އޮންނަ ރޯޒްވުޑް ރިސޯޓުންނެވެ. އެ ރިސޯޓުން 1.5 މިލިއަން ގަސް އިންދަން ނިންމާފައިވާއިރު، މިހާތަނަށް 881،000 އަށް ވުރެ ގިނަ ގަސް އިންދާފައިވެ އެވެ. 

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ގަސް އިންދަން ނިންމާފައިވަނީ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން އާއި މާލެ ވިޔަފާވެރިންގެ ބަނދަރު ހިންގާ އެމްޕީއެލް އިންނެވެ.

އެގޮތުން ދެ ކުންފުނިން އެއް މިލިއަން ގަސް އިންދަން ނިންމާފައިވެ އެވެ. 

އެޗްޑީސީން މިހާތަނަށް ވަނީ 210،000 އަށް ވުރެ ގިނަ ގަސް އިންދައިފަ އެވެ. 

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ތިމާވެށީގެ ދުވަހާ ދިމާކޮށް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ގަސް އިންދުމަށް ބައެއް ރަށްރަށުގައި މިހާރު ވަނީ ނާސަރީތައް ވެސް ހުޅުވައިފަ އެވެ.