ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް އިއްޔެ ހަވާލުކޮށްފި އެވެ. 

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ރާއްޖެއާ ރަސްމީކޮށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ގަސްތައް ދިވެހި ސަރުކާރާ ހަވާލުކުރީ ހުޅުމާލޭގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީ ބާލާސުބްރަމާނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ. 

މި އެހީއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ދިން އެހީތެރިކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އިންޑިއާ އިން ހަދިޔާކުރި މި ގަސްތަކުގެ ސަބަބުން ރާއްޖޭގެ ފެހި މާހައުލު އިތުރަށް ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރަކާއި ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން މިފަދަ ތިމާވެށީގެ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ލިބެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި 1،200 ގަހަކީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ހަދިޔާކުރި 600 އަނބުގަހާއި 600 ހައިވަކަރު ގަހެވެ. 

 އެ ގަސްތަކުގެ ތެރެއިން އަނބު ގަސްތައް ހޯދާފައި ވަނީ ކެރެލާގެ ވެއްލާޔަނީގެ ކޮލެޖް އޮފް އެގްރިކަލްޗާ އިންނެވެ. އަދި ހައިވަކަރު ގަސްތައް ހޯދާފައި ވަނީ ކުލަތުޕުއްޒާގެ ސެންޓްރަލް ނާސަރީންނެވެ. 

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ތިމާވެށީގެ ދުވަހާ ދިމާކޮށް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ރަށްރަށުގައި އިންދައިފަ އެވެ.