އއ. ތޮއްޑޫގެ ދަފްތަރު އުވާލީ ބިމުގެ އަގު ބޮޑު އެ ރަށުން ބިން ހޯދަން ގިނަ ބަޔަކު ދަފްތަރުގައި ޖެހެން ބޭނުންވެ ދިމާވަމުންދާ މައްސަލަތައް ގިނަވުމުން ކަމަށް ކައުންސިލްގެ ރައީސް އާދަމް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ހިޖުރަކޮށް، އުމުރުގެ ބޮޑުބައި އެ ގައުމުގައި ހޭދަކުރުމަށް ފަހު 2006 ވަނަ އަހަރު އެނބުރި ރާއްޖެ އައި ތޮއްޑޫ މީހެއް ކަމަށްވާ އަލީ ވަހީދު މުހައްމަދު (ދޮންއަލީ)ގެ ދަރިންގެ ތެރެއިން އަބްދުއްސައްތާރު މިހާރު އަށް ދިން އިންޓަވިއުއެއްގައި ބުނީ ކައުންސިލްގެ މިދިޔަ ދައުރުގައި ދަފްތަރު އުވާލުމަކީ އެ މީހުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އެއީ އޭނާ އާއި އެއްބަނޑު އެއްބަފާ އަނެއް ތިން ބެއިންގެ ހައްގެއް ގެއްލުން ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު ތޮއްޑޫ ކައުންސިލްގެ ރައީސް އާދަމް ނަވީން ވިދާޅުވީ ދަފްތަރު އުވާލިޔަސް ސައްތާރުގެ އާއިލާއަށް އެ ރަށުން ގޯތި ހޯދަން އޮތް ފުރުސަތު ބަންދު ނުވާ ކަމަށެވެ.
ދަފްތަރު އުވާލީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލުން އެ އާއިލާ އަށް ވަރަށް ގިނަ ހައްލުތަކެއް ދީފަ އެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ އާއިލާގެ އެންމެ ދޮއްޓަށް ހުރި ޖައުފަރު ދާއޫދަށް ތޮއްޑޫން 3،000 އަކަފޫޓުގެ ބިމެއް ކައުންސިލުން ހަމަޖައްސައިދިނުމެވެ.
"ދަފުތަރު އުވާލީ ކުރީގެ ކައުންސިލުން. އެ މައްސަލާގައި އެ އާއިލާ އިން [ދޮންއަލީގެ އާއިލާއިން] ރުޅި އައިސްގެން އުޅޭތީ އެކަން ހިނގާފައިވާ ގޮތް އަޅުގަނޑު ސާފުކުރިން. ދަފުތަރު އުވާލަން ކުރީގެ ކައުންސިލުން އެގޮތަށް ނިންމީ ތޮއްޑޫގެ ބިމުގެ އަގު މިހާރު ވަރަށް ބޮޑުވެފައި ވާތީ ބިމުގެ ބޭނުމުގައި ދަފުތަރުގައި ޖެހޭ މީހުންގެ އަދަދު ގިނަވެ، ބިން ދޫކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވާތީ،" ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތޮއްޑޫގެ ދަފްތަރު އުވާލި ނަމަވެސް ދޮންއަލީގެ އާއިލާއަށް ތޮއްޑޫން ގޯތި ހޯދުމުގެ ފުރުސަތެއް ބަންދެއް ނުވެ އެވެ. ތޮއްޑޫގެ ރަޖިސްޓްރީގައި އެ މީހުން ތިބުމުގެ ފުރުސަތު އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ ކީއްވެކަމެއް، އެ ބޭފުޅުންގެ އެންމެ ދޮށީ ބޭބެ ޖައުފަރު ސޯދިގަށް ދިން ގޯތީގެ ރަޖިސްޓްރީގައި ވެސް އެއާއިލާގައި ދެން ތިއްބެވި ބޭފުޅުން ނުޖައްސާ. އެ އާއިލާއަށް އަލަށް އުފަންވި ކުއްޖަކު އެބަ އޮތް ކައުންސިލްގެ ކުރީގެ ރައީސް [އަހުމަދު ކަރަމް]ގެ ގޭގައި ވެސް ޖައްސާފައި،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ ތޮއްޑޫގައި ދިރިއުޅޭނެ ތަނެއް ނެތުމުގެ ޝަކުވާ އެއާއިލާ އިން ކުރާ އިރު ޖައުފަރަށް ދިން ބަންޑާރަ ގޯތީގައި ވެސް މީހުން ދިރިއުޅޭނެ ގެއެއްގެ ބަދަލުގައި ހަދާފައި ހުރީ ގެސްޓްހައުސްއެއް ކަމަށެވެ.
ޖައުފަރު ހިމެނޭހެން އެއާއިލާގެ އެންމެން ވެސް ތޮއްޑޫގައި ދިރިއުޅެނީ ކުއްޔަށެވެ.
އަބްދުއްސައްތާރު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ ދަފުތަރު އުވާލުމުން އޭނާ އާއި އާއިލާގެ އެހެން މީހުންގެ އައިޑީކާޑުތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އެ ވާހަކަ އެގޮތަށް ދައްކާތީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އެކަމާ ބެހޭ މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެފަދަ އެއްވެސް ގާނޫނީ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.