މީގެ 60 އެތައް އަހަރެއް ކުރިން އިންޑިއާއަށް ދިޔަ ގޮތަށް ޚަބަރެއް ނުވެ އުޅުނު އއ. ތޮއްޑޫ މީހަކު އިންޑިއާގައި ކައިވެނިކޮށް ލިބިފައިވާ ދަރިން ރާއްޖޭގައި ރަޖިސްޓްރީކުރަން ރަށު ކައުންސިލުން ހެދި ދަފްތަރު އުވާލައިފި އެވެ.
މިކަމާ ކަންބޮޑުުވުން ފާޅުކޮށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެ އާއިލާއިން މިހާރު މައްސަލަ ވެސް ހުށަހަޅައިފި އެވެ.
ތޮއްޑޫ ދަފްތަރު ނަމްބަރު 03، އަބްދުއްސައްތާރު "މިހާރު" އަށް ބުނީ ތޮއްޑޫ ކައުންސިލުން އެ ދަފުތަރު އުވާލުމަކީ ބޯހިޔާވަހިކަމެއް ނުލިބި މާޔޫސްކަމުގައި ތިއްބާ، އޭނާ އާއި އެއްބަނޑު އެއްބަފާ އަނެއް ތިން ބެއިންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އެ ކަންބޮޑުވުން ފާޅުކުރަން ކަމާބެހޭ ހުރިހާ އިދާރާއަކަށް ވެސް ދާނެ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލާގައި އެޗްއާރްސީއެމަށް އިއްޔެ ގޮސް ޝަކުވާ ހުށަހެޅުމަށް ފަހު، ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ވެސް އެ އާއިލާއިން ދިޔަ އެވެ.
"މި ޝަކުވާ އަޅުގަނޑުމެން އެޗްއާރްސީއެމް އަށާއި އެލްޖީއޭ އަށް ވެސް ހުށަހަޅައިފިން. އެލްޖީއޭއަކަށް މި ޝަކުވާގެ އަޑެއް ނީވޭ. އަޅުގަނޑުމެން މިއަދު ވެސް މި ދަނީ އެމީހުންނަށް މި ޝަކުވާ އަޑު އިއްވާލަން،" އޭނާ ބުންޏެވެ.
އެންމެ ކުޑައިރުން ފެށިގެން އިންޑިއާގައި އުޅުމުގެ ސަބަބުން ދިވެހި ބަހަށް ކޮށި ސައްތާރުގެ ފަރާތުން ތަރުޖަމާނެއްގެ ގޮތުގައި ވާހަަކަދައްކަމުން އޭނާގެ ބޭބެ ޖައުފަރު ސޯދިގު ބުނި ގޮތުގައި އެ އާއިލާގެ ހަމަ އެކަނި ކަންބޮޑުވުމަކީ ދަފުތަރު އުވާލުމެއް ނޫނެވެ. ތޮއްޑުއަށް އުފަން ނުވިޔަސް އެ މީހުންނަކީ ތޮއްޑޫ މީހެއްގެ ދަރިން ކަމަށް ވާއިރު އެ ރަށުން ބިމެއް ލިބޭނެ ހުރިހާ ދޮރެއް ކައުންސިލުން ބަންދުކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ތޮއްޑޫން ގޯތި ދޫކުރާ އިރު އެރަށަށް އުފަން މީހަކަށް ވުމަކީ ޕޮއިންޓްގެ ދެބައިކުޅަ އެއްބައި ލިބޭ ކަމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި މިއީ "ސީދާ މި އާއިލާ ކަޓުވާލަން" ކޮށްފައިވާ ކަމެކެވެ.
"މީގެ ކުރިން ތޮއްޑޫ އުފަން މީހުންނަށް 20، މިހާރު އިނީ 50، ހަމަ އެއްވެސް ވަރަކަށް އަޅުގަނޑުމެންނަކަށް ފުރުސަތެއް ނޯވޭ. އަޅުގަނޑުމެން ދެންނެވީ ދަފްތަރުގައި ތިބި މީހުންނަށް ޕޮއިންޓް ދޭން ވީނުންހޭ؟ މިހާރު ދަފްތަރު ވެސް އުވާލައިފި،" ސަައްތާރު ބުންޏެވެ.
މިއީ "އިންޑިއާއަށް ގެއްލުނު" ދިވެހި އާއިލާއެއް
ސައްތާރާއި ޖައުަފަރު އަދި އެއްބަނޑުއެއްބަފާ އަނެއް ހަަތަރުބެއިންގެ ބައްޕަ އަލީ ވަހީދު މުހައްމަދު (ދޮންއަލިބެ) އަކީ 1960ގެ އަހަރުތަކުގެ ތެރޭގައި ކިޔަވަން އިންޑިއާއަށް ދިޔަ މީހެކެވެ. ތައުލީމަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ ސަރުކާރުން އޭރު ނުދޭތީ ދޮންއަލިބެ އިންޑިއާއަށް ދިޔައީ ފިލައިގެން ކަނޑު ބޯޓެއްގަ އެވެ.
އޭގެ ފަހުން އޭނާގެ ހަބަރެއް ރާއްޖެއަކަށް ނުވެ އެވެ. ތޮއްޑޫ މީހުން ވެސް ނިންމީ ދޮންއަލިބެ ގެއްލުނީ ކަމަށެވެ. އެކަމަކު އިންޑިއާގައި ދޮންއަލިބެ އޭނާގެ ދިރިއުޅުން އާބާދުކުރީ އެވެ. ކިޔެވުން ނިންމައިގެން، ޓެމިލް ނާޑޫގެ ރާމޭޝްވަރަމްގެ މިސްކިތްތަކުގެ މުދިމްކަމާއި މުސްލިމުން ކައިވެނިކޮށްދިނުން ފަދަ މަސައްކަތްތައް ކުރިއިރު، އޭނާ ވަނީ އިންޑިއާ މީހަކާ ކައިވެނިކޮށް ދަރިން ވެސް ލިބިފަ އެވެ.
އޭނާ ދިރިހުރިކަން އެނގެނީ ވަރަށް މަދު މީހަކަށެވެ. އޭގެ ތެރޭގައި ތޮއްޑޫގައި ހުރި އޭނާގެ ބޭބެއެއް ހިމެނެ އެވެ.
"މަންމައާ ކައިވެނިކުރިކަން ވެސް، ދަރިއަކު ލިބުނުކަން ވެސް ބައްޕަ ބޭބެއަށް އެންގި. ފޮޓޯ ވެސް ފޮނުވި. އަޅުގަނޑުމެން އުފަންވިކަން ވެސް ބޮޑުބޭބެއަށް އެނގޭނެ. އެކަމަކު ނޭނގެ ކީއްވެ ކަމެއް އަޅުގަނޑުމެންގެ ވާހަކަ ބޭބެ ނުދައްކަނީ،" ދޮން އަލިބެގެ ދެ ވަނައަށް ދޮށީ ދަރިފުޅު ޖައުފަރު 2015 ގައި "ހަވީރު" ނޫހަށް މީގެ އަހަރުތަކެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ދޮންއަލިބެ ދުނިޔޭގައި ހުރިކަން ތޮއްޑޫ މީހުންނަށް އެނގުނީ ވެސް އާދަޔާހިލާފު ގޮތަކަށެވެ.
އަށްޑިހައިގެ އަހަރުތަކުގައި ރާއްޖޭން ބެހުނު މަސްވެރިންތަކެއް އިންޑިއާގައި ދޮންއަލިބެ ދިރިއުޅޭ ސަރަހައްދާ ގާތަށް ލައްވި އެވެ. އެ މަސްވެރިންނަކީ ކޮން ގައުމެއްގެ ބައެއްކަން އެނގުމުން އިންޑިއާގެ ފުލުހުން ދޮންއަލިބެ އެ މީހުންނާ ބައްދަލު ކުރުވި އެވެ. އަދި އެ މީހުން ސަލާމަތްވެގެން ރާއްޖެއަށް އަންނަންދެން ދޮންއަލިބެ އެ މީހުންގެ ހާލު ބެލި އެވެ.
އޭގެ ދުވަސްގަނޑެއް ފަހުން، މާލޭ ކަރާ މާރުކޭޓުން ތޮއްޑޫ ބަޔަކާ އެ މީހުންނާ ބައްދަލުވި އެވެ. އަދި ދޮންއަލިބެގެ ވާހަކަ ކިޔައިދިނެވެ. ދޮންއަލިބެ ސަލާމަތުން ދުނިޔޭގައި ހުރިކަން ތޮއްޑޫގައި ތިބި އޭނާގެ އެކުވެރިންނަށް އެނގުނީ އެ ހިސާބުންނެވެ.
"އޭގެ ފަހުން ބައްޕަގެ ރައްޓެހިން އިންޑިއާއަށް އައިސް އަޅުގަނޑުމެންނާ ބައްދަލުކޮށް ހަދާ. އަދި ރަށަށް ދާން ވެސް އެދޭ،" ޖައުފަރު އޭރު ބުނެފައި ވެ އެވެ.
އެންމެ ފަހުން، އަންހެނުންނާއި ދަރިން ގޮވައިގެން އެނބުރި ގައުމަށް އަންނަން ދޮންއަލިބެ ބޭނުންވި އެވެ. އޭރު އޭނާ ދިވެއްސަށް ނުފަރިތަ އެވެ. އަށް ދަރިން ކުރެ އެކަކަށް ވެސް ދިވެހި ބަހެއް ނޭނގެ އެވެ.
ޖައުފަރު ބުނި ގޮތުގައި މާލެ އައި އިރު އޭނާއަށް އެނގޭ ބަހަކީ "ބައްޕަ" އާއި "ދަރިފުޅު" އެވެ. އިންޑިއާގައި އެ މީހުން ވާހަކަ ދައްކާ އުޅުނީ ތަމަޅަ ބަހުންނެވެ.
އެކަމަކު މިހާރު އެ އެއާއިލާގެ އެންމެން ވެސް ދިވެހިބަހުން ވާހަކަދައްކަ އެވެ.
"ރާއްޖެއަށް އެނބުރި އައުމުން އަމިއްލަ ގޯތި ނުލިބުނު"
ސައްތާރު ބުނި ގޮތުގައި އޭނާގެ ބައްޕަ އިންޑިއާއަށް ކިޔަވަން ދިޔަ އިރު އަމިއްލަ ބޮޑު ގޯއްޗެއް އޮތެވެ. އޭނާ ބުނީ ބައްޕަ ރާއްޖެއަށް އައުން ލަސްވާތީ އެ ގޯތި ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ބޮޑުބޭބެ ބުނުމުން، ބޮޑުބޭބެގެ ދަރިއަކަށް އެ ގޯތީގެ އެއް ކަނުގައި ގެ އަޅައިދޭން ބުނި ކަމަށް ކުދީންގެ ގާތުގައި ބައްޕަ ބުންޏެވެ.
އެކަމަކު އެތައް އަހަރެއް ފަހުން ބޮޑު އާއިލާއަކާ އެކު ދޮންއަލިބެ ރާއްޖެއަށް އައުމުން އޭނާގެ ގޯއްޗެއް އޭނާއަކަށް ނުލިބުނެވެ.
"ކޯޓަށް ގޮސްގެން އެކަމާ ދައުވާކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ސައްތާރާއި އެ އާއިލާގެ އެހެން މެންބަރުން ވެސް ބުންޏެވެ.
އެއާއިލާއިން އެދެނީ ތޮއްޑޫގެ ރައްޔިތުކަން އެ މީހުންގެ އަތުން ނުގެއްލި، އެރަށުން ގޯއްޗެއް ވެސް ލިބޭނެ ގޮތެއް ވާން ކަމަށް އޭނާ ބުންޏެވެ.