ސައުދީ އަރަބިއްޔާއާ އެއްކޮޅަށް ރާއްޖެއިން އަބަދުވެސް "އުޚުއްވަތްތެރި ސިޔާސަތެއް" ދަމަހައްޓާތީ އެ ގައުމުން ޝުކުރުވެރިވާ ކަމަށް ރާއްޖޭގައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބާގައި ނެރުއްވި ބަޔާނެއްގައި ސަފީރު ވިދާޅުވީ ރާއްޖެއާ ސައުދީއާ ގުޅިފައި ވަނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރުގަދަ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރުމާއި ރަހުމަތްތެރިކަމުގެ ގުޅުމަކުން ކަމަށެވެ.
ތަރައްގީ އާއި ސިޔާސީ، ތައުލީމީ އަދި އިސްލާމީ ދާއިރާއިން ދެމުން ގެންދާ އެެއްބާރުލުުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން ވަރުގަދަވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސައުދީ އަރަބިއްޔާއާ މެދު ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ އިހްލާސްތެރި، އުޚުއްވަތްތެރި ސިޔާސަތު [ސައުދީ] ރަސްކަމުން ޝުކުރުވެރިކަމާ އެކު ބަލައިގަނޭ. އެ ސިޔާސަތުތަކުން ދައްކައިދެނީ ވަރުގަދަ އެއްބައިވަންތަކަމާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުން،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ޔަހްޔާ ސިފަކުރެއްވި ގޮތުގައި ތަރައްގީގައި ދޭ އެއްބާރުލުމަކީ ރާއްޖެ އާއި ސައުދީއަރަބިއްޔާއާ ދެމެދު އޮތް ގުޅުމުގެ ތަނބެވެ.
މުހިއްމު ދާއިރާތަކުން ރާއްޖޭގެ ތަރައްގީއަށް ހިންގި މަޝްރޫއުތަކަށް 1978 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 488 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖާޒާއި ނަޖުދުގެ ކޮންޓްރޯލް ހޯދައި އާލް ސުއޫދު ދަރިކޮޅުން އުފެއްދި ރަސްކަން "ކިންގްޑަމް އޮފް ނަޖުދު އެންޑް ހިޖާޒް"ގެ ނަމުން ސައުދީ އަރަބިއްޔާގެ ނަމަށް ބަދަލުކުރި ދުވަހެވެ. އެ ރަސްކަމުގެ ނަން ސައުދީ އަރަބިއްޔާގެ ނަމަށް ބަދަލުކުރީ 23 ސެޕްޓެމްބަރު 1932 ގައި އާލް ސުއޫދު ދަރިކޮޅުގެ ފުރަަތަމަ ރަސްގެފާނު އަބްދުލްއަޒީޒް ބިން ސައުދު ނެރުއްވި ގަރާރަކުންނެވެ.