ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ރަހުމަތްތެރި ގުޅުން ކުރިއަށް ވުރެ ބަދަހިވެ، ވަރުގަދަ ވެފައިވާ ކަމަށް ސައުދީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ރޭ ވިދާޅުވެއްޖެ އެވެ.
ސައުދީގެ ތައުސީސީ ދުވަސް ފާހަގަކުރުމަށް ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، އެ ގައުމުން އަބަދުވެސް އިސްކަން ދެނީ ޒިންމާދާރުކަމާ އެކު، އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ހަމަހަމަކަންމަތީގައި ގުޅުންތައް ބަދަހިކޮށް، ކުރިއެރުވުމުގެ ހާރިޖީ ސިޔާސަތެއް ތަންފީޒު ކުރުމަށް ކަމަށެވެ.
އަދި އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓައި، ހަމަޖެހުން ގާއިމުކޮށް، ޒިންމާދާރުކަމާ އެކު އިސްލާމީ ދުނިޔެ އަށް ހިދުމަތް ކުރުމުގައި ސައުދީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވި އެވެ.
މިގޮތުން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިސާދުގެ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ދާއިރާ އާއި ދެމެހެއްޓެނިވި ތަރައްގީގައި ސައުދީން އިސް ދައުރެއް އަދާކުރަމުން އަންނަކަން ސަފީރު ފާހަގަކުރެއްވި އެވެ.
އަދި ސައުދީގެ 2030 ތަސައްވަރުގެ ތެރެއިން، އިގުތިސާދު ސިންދަފާތު ކުރުމާއި އީޖާދީ ވިސްނުމާއި ރައްޔިތުން ބާރުވެރިކުރުމާއި ބައިނަލްއަގުވާމީ ވަރުގަދަ ގުޅުންތައް ގާއިމުކުރުމަށް ސައުދީން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރާ ކަމަށް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސައުދީގެ މި މުހިންމު ދުވަސް، ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާކަމީ، ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން، ކުރިއަށް ވުރެ ބަދަހިވެފައިވާ ކަމުގެ ރަމްޒެކެވެ.
"އަޅުގަނޑުމެންނަށް ރާއްޖެއާ އެކު މި އޮތް ރަހުމަތްތެރި ގުޅުން ވަރަށް ވެސް މުހިންމު. އަދި ދެ ގައުމުގެ ލާބަ އާއި މަންފާ އަށް، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމުގައި ސައުދީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ސަފީރު ވިދާޅުވި އެވެ.
ސައުދީގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސައުދީ އަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސައުދީގެ ތައުސީސީ ދުވަހުގެ ގޮތުގަ އެވެ.
އެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އެވެ.