ގުދުސް އަދި ބައިތުލްމަގްދިސްގެ މުގައްދަސް ބިންތަކުގެ ހުރުމަތް ކެނޑުމާއި އިޒްރޭލުން ހިންގަމުންދާ ޣައިރުގާނޫނީ އަމަލުތައް ހަމައެކަނި އަނގަބަހުން ކުށްވެރިކުރުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި، ގުދުސްއާ ގުޅޭގޮތުން ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފާހަގަކުރެއްވި ގޮތުގައި، ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ނާރެހުގެ އިތުރުން ބިލިއަނެއްހާ މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ މުގައްދަސް ބިމެކެވެ.

އަދި އަދުލުވެރި، ދެމެހެއްޓެނެވި ސުލްހަ ގާއިމުކުރުމަށްޓަކައި ގުދުސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އިރުތިޝާމް ވިދާޅުވި އެވެ. 

އިޒްރޭލުން ގުދުސްގައި ޔަހޫދީ އާބާދީތައް ފުޅާކުރުމާއި، ފަލަސްތީނުގެ އާއިލާތައް ގެދޮރުން ނެރެލުމާއި، އަދި މުގައްދަސް އަގްސާ މިސްކިތަށް ތަކުރާރުކޮށް ވަދެގަންނަމުންދާ ދިއުން ވަގުތުން ވަގުތަށް ހުއްޓައިލުމަށް މިނިސްޓަރު ވަނީ ބާރުއަޅުއްވައިފަ އެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ގުދުސްގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އަމަލީ ގޮތުން އިސްކަންދޭންވީ މައިގަނޑު ތިން ކަމެއް ރާއްޖޭން ވަނީ ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ބިމުގައި ތިބުމުގެ ހައްގާއި، މިނިވަންކަމާ އެކު ނަމާދުކޮށް، އަޅުކަންތައް އަދާކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ވަރުގަދަ ހާރިޖީ މަސައްކަތްތަކެއް އެކުގައި ކުރުމާއި، 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތަކަށް ސާބިތުކަމާއެކު ތާއީދުކޮށް، އދ. ގެ ފުރިހަމަ މެންބަރުކަން އެ ގައުމަށް ހޯދައިދިނުމަށް މަސައްކަތްކުރުން ހިމެނެ އެވެ.

މީގެއިތުރުން، އިޒްރޭލުން ޣައިރުގާނޫނީ ވަޒަންވެރިވިން އިތުރުކުރުމާއި،  ބިންތައް ފޭރުމާ ދެކޮޅަށް ޔޫކޭ، ކެނެޑާ، ފްރާންސް، އަދި ސްޕެއިން ފަދަ ޔޫރަޕުގެ ގައުމުތަކުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި، މިފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި އެހެން ގައުމުތަކުން ބައިވެރިވުމަށް ވެސް ރާއްޖޭން ގޮވައިލި އެވެ.

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެއް އަޑަކުން ވާހަކަދައްކާތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކޮށް، އިރުތިޝާމް ގޮވާލެއްވީ، އެ އެއްބައިވަންތަކަން އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކޮށް، ނަތީޖާ ނެރުމަށް މިހާރުން މިހާރަށް މަސައްކަތް ފެށުމަށެވެ.