ރާއްޖެއިން ގެންގުޅެމުން އަންނަނީ ދެފުށް ފެންނަ ހާމަކަންބޮޑު ހާރިޖީ ސިޔާސަތެއް ކަމަށާއި އިސްކަންދެނީ ދިވެހިންގެ މަސްލަހަތު ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ގެ ދަށުން ކަމަށާއި އެއީ ހަމަހަމަކަން ގެންގުޅޭ އަދި ދިވެހިން އިސްކުރާ ސިޔާސަތު ކަމަށެވެ.
"ވޭތުވެދިޔަ ދެ އަހަރާއި ބައިގައި ތިޔަބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޓޮޕް ޑިޕްލޮމެޓެއްގެ ގޮތުގައި ވަނީ ވަރަށް ވެސް ހިކުމަތްތެރި ވަރަށް ހަރުދަނާ ގޮތެއްގައި ވަރަށް ގިނަ ގައުމުތަކާ ގުޅުން ބާއްވަވައި އަދި އެ މަނިކުފާނު ވެސް ވަރަށް ގިނަ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ލީޑަޝިޕްގެ ރޯލް ވެސް ކުޅުއްވާފައި،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާ ހާމަކަންބޮޑު ގޮތެއްގައި ރާއްޖެއިން ހާރިޖީ ސިޔާސަތު ގެންގުޅުނު ފަހަރެއް މި ނޫނިއްޔާ މި ފަހުން ނުފެނެ އެވެ. އެއީ ވަކި ބަޔަކަށް ނުވަތަ ވަކި ގައުމަކަށަް ބުރަނުވެ، ދިވެހިންގެ މަސްލަހަތާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ހުރިހާ ގައުމަކާ އެކު އެކުވެރި ގުޅުންތަކެއް ގާއިމް ކުރުމުގެ ސިޔާސަތު ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
"އެ ގުޅުންތައް ދެމެހެއްޓުމަކީ ވެސް ވަރަށް މުހިންމުކަމެއް. އެގޮތުން ދިވެހިރާއްޖެއިން އިގުތިސާދީ ކުރިއެރުމާއި އަދި ދިވެހިރާއްޖެއަށް އިންވެސްޓްމަންޓުތަކެއް ހޯދުމާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކަކީ ކޮބައިތޯ. އެހެންވީމާ އެގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ، ހާރިޖީ ސިޔާސަތުގެ ތެރެއިން، އެކި ގައުމުތަކުގައި ހުރި އެމްބަސީތަކުގެ ދައުރު ފުޅާކޮށް، އެ ގައުމުތަކުގައި ދިބޭ ދިވެހިންނަށް ހިދުމަތް ކުރުމާ އެކު ވިޔަފާރީގެ ނަފާ ރާއްޖެއަށް ހޯދޭނެ ގޮތްތައް ވެސް ފުޅާކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން ގެންގުޅެނީ ޕްރޯއެކްޓިވް ސިޔާސަތެއް
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން ގެންގުޅެނީ ކަމެއް ވުމުން އެ ކަމަކަށް "ރިއެކްޓް" ކުރުމުގެ ބަދަލުގައި "ޕްރޯއެކްޓިވް" ނުވަތަ ކުރިއާލައި އިސްނަގައިގެން ކަންކަން ކުރުމުގެ ސިޔާސަތެކެވެ. ހާއްސަކޮށް ލީޑަޝިޕް ފެންވަރުގައި ރާއްޖެއިން އިސްކަން ދެނީ އެކިއެކި މައްސަލަތަކާ މެދު ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި އަމިއްލަވަންތަކަން ވެސް ދެމެހެއްޓޭނީ ބައިނަލްއަގްވާމީ ގޮތުން ހަރަކާތްތެރި ދައުރެއް އަދާކޮށްގެން ކަމަށް ވާތީ "ޕްރޯ އެކްޓިވް" މަސައްކަތް ކުރުން ރާއްޖެއަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެގެން އދ. ގައި ވެސް ގިނަގުނަ ކާމިޔާބީތަކެއް އިންތިހާބުތަކުގައި ރާއްޖެއަށް ވަނީ ލިބިފައި."
މިނިސްޓަރު ފާހަގަކުރެއްވި އެއްކަމަކީ ފަލަސްތީނުގެ މައްސަލަ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އދ. ގެ މައި މަޖިލީހާއި ސަލާމަތީ މަޖިލިހުގައި ރާއްޖެއިން އިސްދައުރެއް ދައުރެއް އަދާކޮށް، ބައެއް ގަރާރުތައް ކޯސްޕޮންސާ ކުރުން ފަދަ ކަންކަން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ އެ ރިޒޮލިއުޝަންތަކަށް ވޯޓުލާފައި. އޭގެ އިތުރުން އައިސީޖޭގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ހުށަހެޅިފައިވާ ލީގަލް ރިކުއާމަންޓްސްތަކާއި އިޒްރޭލަށް ފިޔަވަޅު އެޅުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން އަޑު އުފުލާފައި ވާނީ،" އިރުތިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރި މައްސަލާގައި ވެސް ރައީސް މުއިއްޒު ވަނީ އެ ސަރަހައްދުގެ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅުއްވައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ކަމަށް ދަންނަވައިފަ އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބައެއް މައްސަލަތަކާ ގުޅިގެން ރާއްޖެއިން ވެސް އަޑުއުފުލަންޖެހޭ ކަންކަން ހުންނަ ކަމށެވެ.
"ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވަނީ ހިކުމަތްތެރި ހަރުދަނާ ހާރިޖީ ސިޔާސަތެކޭ ދަންނަވަނީ އަޅުގަނޑުމެންގެ މިނިވަންދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައި ވެސް ވިދާޅުވެފައި ވަނީ ސާކް ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް، އަޅުގަނޑުމެންގެ ކުރިއެރުމަކަށް ވެސް ވާނީ މި ސަރަހައްދުގެ ގައުމުތަކުގެ ސަމިޓެއް ވެސް ބާއްވައި ސާކް ރިވަޓައިޒް ކުރުމުންނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެއިން އަބަދުވެސް އިސްކަންދެނީ ޑިޕްލޮމެސީ އާއި "ޑައިލޮގް" ނުވަތަ ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން ކަމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް ގެންގުޅެނީ އެ ސިޔާސަތު ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
ރާއްޖެއިން މިހާރު އިސްކަންދޭ އެއްކަމަކީ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެފްރިކާގެ ބައެއް ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމެވެ. އެންމެ ފަހުން ބޭއްވި އދ. ގެ 81 ވަނަ މަޖިލިހުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކާއި ސޮއިކުރި އެއްބަސްވުންތަކުން ވެސް އެކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.