މިނިވަންކަމެއް ނެތް، ރާއްޖެ މިއޮތީ "އަޅުވެތި"ވެފައި!

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން އެއްބާރުލުން ދޭން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އެ ގައުމާ އެކު މަޝްވަރާ ކުރެއްވީ މިދިޔަ އާދީއްތަ ދުވަހެވެ. ގަތަރުގެ ސަފީރު ރާޝިދު ބިން ޝާފީއާ އެކު ސްރީ ލަންކާގައި ބޭއްވި މަޝްވަރާތަކަށް ފަހު، ޖެހިގެން އައި ދުވަހު ދިވެހި ސަރުކާރުން މިވަނީ، ގަތަރާ އެކު ގުޅުން ކަނޑާލި ކަން އިއުލާންކޮށްފަ އެވެ. ސަރުކާރުގެ ކުއްލި މި ފިޔަވަޅާ މެދު އެތައް ބައެއްގެ ފާޑުކިޔުން މިވަނީ އަމާޒުވެފަ އެވެ.


މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން ކަނޑާލީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ޓެރަރިޒަމާއި ހައްދުފަހަނަޅާދިއުމަށް ވާގިވެރިވާ މީހުންނާ އެކު ގުޅުން ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަކަށް ނުވާތީ އެވެ.

އިސްލާމީ ގައުމުތަކާ އެކު ގުޅުން ކަނޑާލުމަކީ މައްސަލައެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ދެކެވަޑައިގަންނަވާ.

ގަތަރާ އެކަހެރިވި ސަބަބު ޓެރަރިޒަމާ ގުޅުވި ނަމަވެސް އެކަން ގަބޫލުނުކުރާ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގަތަރަކީ "ޓެރަރިސްޓް" ގައުމެއްގެ ގޮތުގައި ސަރުކާރުން ދެކޭއިރު، ގުޅުން ކަނޑާލުމުގެ އެއް ދުވަސް ކުރިން، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރަން މަޝްވަރާ ކުރީ ކީއްވެތޯ އެ މީހުން ސުވާލު އުފައްދަ އެވެ.

ގަތަރާއެކު ގުޅުން ކަނޑާލުމުން ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ކުރެއްވި ޓުވީޓެއް.

މި ސުވާލަށް ޝޯޝަލް މީޑިއާގައި ޖަވާބުދިން ބައެއް މީހުން ބުނަނީ ހުރިހާ ވެސް ނުފޫޒަކީ ސައުދީ އަރަބިއްޔާ ކަމަށެވެ. ރާއްޖެ އިން ގަތަރާ ގުޅުން ކަނޑާލަން "މަޖުބޫރުކުރުވީ" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެކު ސައުދީީ އަރަބިއްޔާ އިން އުފައްދާފައި އޮތް ގުޅުން ކަމަށެވެ. ރާއްޖެ މިހާރު މިއޮތީ، އެ ގައުމުގެ ނުފޫޒުގެ ތެރޭގައި ތާށިވެފައި ކަމަށް ބުނެ އެއް ބަޔަކު ހިޔާލުފާޅުކުރި އެވެ.

އެ ތުހުމަތު ސަރުކާރުން ދޮގުކުރި ނަމަވެސް ގަތަރާ އެކު ގުޅުން ކަނޑާލާފައި މިވަނީ، ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް ފަސް ގައުމަކުން ގުޅުން ކަނޑާލިކަން އިއުލާންކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

"އެއްވެސް ނުފޫޒެއް ނެތޭ ބުނާއިރު، ފޮރިން މިނިސްޓްރީން މި ވާހަކަ އިއުލާންކުރުމުގެ ކުރިން ދުނިޔޭގެ އެންމެންނަށް މިކަން އިއުލާންކުރީ ސައޫދީގެ [ނޫސް] އަލްއަރަބިޔާ އިން. އަލްއަރަބިޔާގައި އެ ވާހަކަ އޮވެގެން އާއްމުންނާއި ނޫސްވެރިން ސުވާލުކުރަން ފެށީމަ ފޮރިން މިނިސްޓްރީން ކުރު ބަޔާނެއް ވެބްސައިޓަށް ލާފައި ޓުވީޓެއް ކުރީ. މިއީ. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މިނިވަންކަން އަންގައިދޭ ދަލީލެއް،" މީހަކު ކޮމެންޓުކޮށްފައިވެ އެވެ.

ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ކަނޑައަޅަމުން ދަނީ ފައިސާގެ ނުފޫޒު އޮތް ސައުދީ އަރަބިއްޔާ އިން ބޭނުންވާ ގޮތަކަށެވެ. ހާރިޖީ ގުޅުންތައް ކަނޑާލައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކަންކަން ނިންމަމުންދާ ގޮތުން ސާފުވަނީ އެ މަންޒަރު ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި މިނިވަންކަމެއް ނެތެވެ؛ މިހާރު އޮތީ "ލާހޫރޭ ޚާރިޖީ ސިޔާސަތެއް" ކަމަށް ވެސް އެ މީހުން ދެކެ އެވެ. އޭގެ ހެކި ދައްކަމުން ބުނީ ކޮމަންވެލްތާއި އީރާނާ ގުޅުން ކަނޑާލީ ވެސް ސަބަބުތަކެއް އޮވެގެން ނޫން ކަމަށެވެ.

ސަރުކާރާ އިދިކޮޅު މީހުން ދެކޭ ގޮތުގައި ގަތަރާ އެކު ގުޅުން ކަނޑާލުމުން ރާއްޖެ އަށް ލިބޭނެ ގެއްލުން ބޮޑެވެ. އެ މީހުން ބުނާ ގޮތުގައި ރާއްޖޭ މިހާރު ވަނީ ނުފޫޒު ގަދަ މަދު ގައުމެއްގެ "މުށުތެރޭގައި ތާށިވެފަ" އެވެ.

"މިއީ، ދިވެހި ރައްޔިތުންގެ ނިންމުމެއް ނޫން، ދިވެހި ސަރުކާރުން ކުރި މޮޔަ ކަމެއް، ދިވެހި ރައްޔިތުން މިތިބީ ގަތަރާ އެކު،" ސޯޝަލް މީޑިއާގައި އެކަކު ލިއެފައިވެ އެވެ.

ގަތަރާ އެކު ގުޅުން ކަނޑާލައިގެން ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ގެއްލުމެއް ނެތް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއާ ދެކޮޅަށް ދައްކަމުންދާ ހުއްޖަތުތައް ގިނަ އެވެ. ގައުމުތަކާ އެކު އޮންނަ ގުޅުން ކަނޑާލުމުން ރާއްޖެ އަށް ގެއްލުންވާނެ ކަމަށް ގަބޫލުކުރާ ވާހަކަ އަށް ގިނަ ބަޔަކު ތާއީދުކުރަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުން ވެސް އެގޮތަށް ދެކެވަޑައިގެން، މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ އެވެ.