ދިވެހިން ބޭރު ގައުމުތަކުގައި ކުށްކުރުމަކީ ދިވެހި ޕާސްޕޯޓުގެ ބާރު ކެނޑި ހުރިހާ ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިން ބޭރު ގައުމުތަކަށް ދަތުރުކުރާއިރު އަދި އެ ގައުމުތަކުގައި ދިރިއުޅޭއިރު އެ ތަނެއްގެ ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމްކޮށް، ބޯލަނބަން ވާނެ ކަމަށެވެ. އެހެން ނޫން ނަމަ، އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ދިވެހިންގެ މަދު ބައެއްގެ ސަބަބުން ހުރިހާ ދިވެހިންނަށް އޭގެ ގެއްލުން ލިިބިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަކު، ދެމީހެއްގެ ފަރާތުން ފެންނަ ނޭދެވޭ އަމަލަކުން އެހެން ރައްޔިތުންނަށް ލިބެންވާ ވިސާގެ ދަތިކަމާއި އެ ކަހަލަ މައްސަލަތަކެއް ވެސް އެބަދިމާވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ ބޭރު ދުނިޔޭގައި ވަރަށް ބަލައިގަންނަ، ވަރަށް މަގުބޫލު އެންމެ ކުރީގައި އޮންނަ އެއް ޕާސްޕޯޓު. އެހެންވީމަ، ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭރު ގައުމުތަކުގެ ޖަލުތަކުގައި ޑިޓެއިންވެފައި، ނުވަތަ އެހެން މައްސަލަތަކެއްގައި އެގޮތަށް ހައްޔަރުވެފައި ނުތިބުން."
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ބޭރު ދުނިޔޭގެ އެތައް ބަޔަކު އަދިވެސް ވަރަށް ބަލައިގަންނަ، ވަރަށް އެކުވެރި ރަހުމަތްތެރި ބައެއްގެ ގޮތުގައި ދެކޭ "އައިޑެންޓިޓީ"އަކާއި "ރެޕިއުޓޭޝަނެއް" އޮތް ގައުމެކެވެ. ދިވެހި ޒުވާނުން ބޭރު ގައުމުތަކުގައި އެކި ދާއިރާތަކުން ކުރިއަރަމުން އަންނައިރު، މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައި ބައިވެރިވެ، އަދި ކުޅިވަރުގައި ވެސް ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވެ އެވެ.
"އެހެންވީމަ، އެ ކަހަލަ ސްކިލްސްތައް އަޅުގަނޑުމެން ބޭރަށް އެކްސްޕޯޓްކުރާއިރު، އެ ގައުމެއްގައި އުޅެވޭނީ އެ މައްސަލަތައް ދިމާނުވެ، އެ ގައުމުތަކެއްގެ ގާނޫނަށް ވެސް އިހުތިރާމްކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ޕާސްޕޯޓަކީ ދުނިޔޭގެ ރޭންކިންގައި މިވަގުތު ވަރަށް މަތީގައި އޮތް އެއްޗަކަށް ވާއިރު، އެކަން ދެމެހެއްޓޭނީ އެހެން ގައުމުތަކުގައި އުޅޭއިރު އެތަނެއްގެ ގާނޫނާއި ގަވާއިދުތަކާ ހިލާފު ނުވެ އުޅުމުން ކަމަށެވެ.
"ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ ބޭރު ދުނިޔޭގައި ވަރަށް ބަލައިގަންނަ، ވަރަށް މަގުބޫލު އެންމެ ކުރީގައި އޮންނަ އެއް ޕާސްޕޯޓު. އެހެންވީމަ، ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭރު ގައުމުތަކުގެ ޖަލުތަކުގައި ޑިޓެއިންވެފައި، ނުވަތަ އެހެން މައްސަލަތަކެއްގައި އެގޮތަށް ހައްޔަރުވެފައި ނުތިބުން،" އިރުތިޝާމް ވިދާޅުވި އެވެ.
"ޑްރަގްސް އެތެރެކޮށްގެންނާއި ނުވަތަ އެފަދަ ކަމެއްގައި ހައްޔަރުވެފައި ތިބުމަކީ ރާއްޖޭގެ ޕާސްޕޯޓަށް ވެސް ލިބޭ، ރެޕިއުޓޭޝަނަށް ވެސް ލިބޭ ޑެމޭޖެއް [ގެއްލުމެއް] އަސްލުގައި."
ޗުއްޓީއަށާއި ދިރިއުޅުމުގެ ބޭނުމަށް ވެސް ދިވެހިން ބޭރު ގައުމުތަކަށް ގޮސްއުޅޭ ވަރު ވަރަށް ބޮޑަށް މިހާރު އިތުރުވެފައިވާއިރު، ދިވެހިން ބޭރު ގައުމުތަކުގައި ކުށްކުރުމަކީ ވިސާ ހޯދުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅުމަށް ދަތިވެ، ޕާސްޕޯޓުގެ ބާރު ކެނޑިދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިން ބޭރު ގައުމުތަކުގައި ކުށްކުރާ ވަރު އިތުރުވަމުންދާއިރު، ދުނިޔޭގެ މީޑިއާތަކުގެ ސުރުޚީތަކަށް ވެސް އެ ޚަބަރުތައް އަރާފައިވެ އެވެ. ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން މި މަހު ހުކުމް ކޮށްފައިވެ އެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ދިވެހިން ތައިލެންޑުގެ ވެރިރަށް ބެންކޮކުން މި މަހު ހައްޔަރުކޮށްފައިވެ އެވެ.
ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ އުމާންގެ ކޯ-ޕައިލެޓާ ގުޅުން އޮންނަ ކަމަށް ބެލެވޭ ދެ ދިވެއްސަކު ވެސް ޔޫއޭއީގައި މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ބޭރު ގައުމުތަކުގައި އުޅޭއިރު ކުށްކުރާ ދިވެހިންނާއި އެކި ކަހަލަ ތުހުމަތުގައި ގެންދާ ދިވެހިންނަށް ބޭނުންވާ އެހީތެރިކަން އެ ގައުމުތަކެއްގައި ހުންނަ އެމްބަސީތަކާއި މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް، އޮންނަ އުސޫލުތަކުގެ ތެރެއިން ހަމަޖައްސައިދޭ ކަމަށެވެ. އެ ގައުމެއްގެ ސަރުކާރަކާއި ގުޅިގެން އެމީހުންގެ އާއިލާތަކަށް ވެސް އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.