ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަތައް ހިމެނޭ ފޮތެއް ނެރެން ނިންމައި، އެ ފޮތަށް ޕްރީއޯޑާކުރަން ހުޅުވާލައިފި އެވެ.
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ނެރެނީ އެމަނިކުފާނުގެ ހިއްސާ އޮންނަ ޕަބްލިޝިން ހައުސްއެއް ކަމަށްވާ އޯޝަން ޕަބްލިޝާސްއިންނެވެ. ފޮތުގެ އަގަކީ 250ރ. އެވެ. ފޮތް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައި ކަމަށް އޯޝަން ޕަބްލިޝާސްއިން ބުނެ އެވެ.
ފޮތުގެ އިސްތިހާތުގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ފޮތް ނެރެނީ އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގަ އެވެ.
"ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ކަނޑާލައިފި އެވެ. ފަހަށް ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަލަށް ހަދަން އުޅެގެން ހުސްވެއްޖެ އެވެ. ޗެއާޕާސަންގެ މަގާމަކަށް މުސާރައެއް ނޯވެ އެވެ،" ސަމާސާ ގޮތަކަށް ލިޔުއްވާފައިވެ އެވޗެ.
މި ފޮތުގައި ހިމެނޭ ބައެއް ވާހަކަތަކަކީ "ޗާލާ ޒަމާން"، "ގައުމީ މަޝްރޫއު"، ރީތި ހަދިޔާ"، އަދި "މޫސަބަރު" އެވެ.
މި ވާހަކަތަކުގެ ކެރެކްޓަރަކީ، އެމަނިކުފާނު 1990ގެ ތެރޭގައި ލިޔުއްވި "ހިތާއި ހިތުގެ ގުޅުން" ވާހަކައިގައި އުޅޭ "ހަސަން ކުރުސީ" އެވެ. އެކަމަކު އެއީ ހަމަކަށަވަރުން ވެސް އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ހަސަން ކުރުސީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"...މިޒާޖު ވެސް އަދި ތޮބިއްޔަތު ވެސް މާބޮޑަށް ތަފާތެވެ. ހަސަން ކުރުސީ ހިކިވާނެ އެވެ. ބަނޑެއް ނެތް ތާނގައި ބުޑެއް ވެސް ނެތެވެ. ދިގެއް ނޫނެވެ. އިސްތަށި ގިނަ އެވެ. މި ވާހަތަކުގައި އޭނާ މިހާރު ތިރީހަށް އަޅަނީ އެވެ،" ނަޝީދު ސިފަކުރައްވާފައިވެ އެވެ.
ނަޝީދު މި ވާހަކަތައް ލިޔުއްވާފައިވަނީ 1990ގެ އަހަރުތަކުގަ އެވެ.
"މި ވާހަކަތަކަކީ އަޅުގަނޑުގެ ހަގީގީ ހިޔާލެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދަކީ ސިޔާސީ ދަނޑަށް ނުކުމެވަޑައިގަތުމުގެ ކުރިން ލިޔުންތެރިއެކެވެ. އަދި ނޫސްވެރިއެއް ވެސް މެ އެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފާޑުކިޔައި "ސަންގު" ނޫހަށް ލިޔުއްވި އެވެ. އޭރު ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށްވެ ޖަލަށް ލި އެވެ. ތާރީހީ ފޮތްތައް ލިޔުއްވުމުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ނޫސްތަކަށް ދޭތެރެދޭތެރެއިން އެމަނިކުފާނު ކޮލަމް ލިޔުއްވަ އެވެ.
ލިޔުއްވި ފޮތްތަކުގެ ތެރޭގައި "ދަގަނޑު ދަހަނާ"، "ކިއްލާ މާލެ"، "އެއްބަސްވެވޭ އިންގިލާބު"، އަދި "ދެރަދުން" އެވެ. އޭގެ އިތުރުން 1953 ވަނަ އަހަރު މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.