ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ އަހަރުތަކެއް ކުރިން ލިޔުއްވާފައިވާ ކުރުވާހަކަތައް ހިމެނޭ ފޮތެއް ނެރެފި އެވެ. 

"ކުރުވާހަކަ - 80ގެ ކުރީކޮޅު" ގެ ނަމުގައި މި ފޮތް ރޭ ނެރެދެއްވީ ނަޝީދުގެ ބޮޑުދައިތައެއް ކަމަށްވާ ޒުހައިރާ އުމަރު އެވެ.

ރޭގެ ހަފުލާގައި ނަޝީދު. ވިދާޅުވި ގޮތުގައި، ވާހަކަ ކިޔުމުގައި މަޝްހޫރު ޒުހައިރާގެ އަތުން އެ ފޮތް ނެރުއްވުމަކީ ވަރަށް ބޮޑު ފަހުރަކެވެ. 

ނަޝީދުގެ ފޮތުގައި ހިމެނެނީ "ޗާލާ ޒަމާން"، "ގައުމީ މަޝްރޫއު"، ރީތި ހަދިޔާ"، "ހިތާ ހިތުގެ ގުޅުން" އަދި "މޫސަބަރު" އެވެ. މި ވާހަކަތަކުގައި ނަޝީދު ލިޔުއްވީ 1994 ވަނަ އަހަރު، އެ މަނިކުފާނު ޖަލުން ގޭބަންދަށް ބަދަލުކުރި ދުވަސްވަރުގަ އެވެ. 

އޭރު މާލޭގައި ކަންކަން ހުރި ގޮތާއި އާދަކާދަތައް ވަރަށް ރީއްޗަށް ސިފަކޮށްދީފައިވާ މި ވާހަކަތަކުގެ މެއިން ކެރެކްޓާއަކީ "ހަސަން ކުރުސީ" އެވެ. ކުރުސީގެ އިތުރުން ޔޫލާ އަކީ ވެސް މި ވާހަކަތަކުގައި މުހިންމު ނަމެކެވެ. 

"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަސަން ކުރުސީގެ ކެރެކްޓާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ކެރެކްޓާ "ހަސަން ކުރުސީ"އަކީ ހަމަކަށަވަރުން ވެސް އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ "ހަސަން ކުރުސީ"އެއް ނޫނެވެ. 

"...މިޒާޖު ވެސް އަދި ތޮބިއްޔަތު ވެސް މާބޮޑަށް ތަފާތު. ހަސަން ކުރުސީ ހިކިވާނެ. ބަނޑެއް ނެތް ތާނގައި ބުޑެއް ވެސް ނެތް. ދިގެއް ނޫން. އިސްތަށި ގިނަ. މި ވާހަތަކުގައި އޭނާ މިހާރު ތިރީހަށް އަޅަނީ،" ނަޝީދު ސިފަކުރައްވާފައިވެ އެވެ.

ރޭގައި ނަޝީދު ވިދާޅުވި ގޮތުން އެ މަނިކުފާނަށް ހީފުޅުވަނީ ވާހަކައިގައި އުޅޭ "ހަސަން ކުރުސީ"އަކީ ލިޔުންތެރިޔާ ހެންނެވެ. "ހަސަން ކުރުސީ" ގެ ހަޔާތުގައި އޭރު ދިމާވި ކަންކަން ވަރަށް ހެއްވާ މަޖާކޮށް ނަޝީދު ލިޔުއްވާފައި ހުއްޓެވެ. އަދި "ހަސަން ކުރުސީ" އަށް ކުރަމުންދިޔަ އިހުސާސްތަކާއި ޖަޒުބާތުތައް ވެސް ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެ އެވެ. 

އެގޮތުން، ހިތާ ހިތުގެ ގުޅުމުގެ ވާހަކައިގައި އޮތެވެ: "އައިމިނަތު ޔޫލާ ކަނޑުވެ މަރުވިތާ ހަތް މަސް ރަނގަޅަށް ނުވަނީސް ކުރުސީ ބިރުން އެ އުޅުނު ކަންކަން ވާން ފަށައިފިއެވެ. ހަނދާން ނެތެން ފެށުމެވެ." 

"ކުރުސީ ހަދީޖާ ގައިގާ ބައްދައިގެން އެ ރޭ މެދުގޭގައި އެ ހުރިއިރު އޭނާއަށް ވަމުންދިޔަ ގޮތަކީ ހިތާ ހިތް ގުޅޭއިރު ވަމުންދާ ގޮތްތައް ކަމަށް ކުރުސީ ދެކެން ފެށި އެވެ.... ނުއެދި ހުއްޓަސް އެދިއެދި ހުރި ކަމެއް ވީމަ ވާގޮތެވެ. ކަންތައްތައް ފުރިހަމަވާން ފެށުމުން ވާ ގޮތްތަކެވެ. އެކަހަލަ މިކަހަލަ ޝުއޫރުތަކެވެ. ހިތާ ހިތާ ގުޅެން ފެށީމަ ވާގޮތްތަކެވެ،"

"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޒާޖީކޮށް ނަޝީދު ލިޔުއްވި މި ވާހަކަތަކުގައި އެ މަނިކުފާނުގެ ސިފަކުރުންތައް ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. އޭގެ ތެރެއިން ތަންކޮޅެއްގައި ވިދާޅުވީ: 

"...އެނބުރޭ ފަންކާތަކުން ތަނުގެ ތެރެއަށް ފަތުރަނީ ހޫނު ވަޔެވެ. މުޅި ތަނުން އަރަނީ އުދާހެވެ. ކިހިލިފަތްދަށް އުކުޅުވަޅުން ބަބުރު ވަހާއި ތެލުލި ހެދިކާގެ ވަސް މަސްހުނިވެގެން ނުކުންނަ ވަހުގެ ފޯމިއުލާ ސައިންސުވެރިންނަށް ދަމައިނުގަނެވެއެވެ. އެތައް ހާސް ވަހެވެ. މުޅި ހޮޓާ ތެރޭ އެކަތިވެފައިވެއެވެ. ސައި ބަހައްޓާ މީހުންގެ ހަޅޭކު އަޑު އަންނަނީ ސައި ބަހައްޓާ މީހުންގެ ހަޅޭކުގެ މަތިންނެވެ. މުޅި ތަން އޮންނަނީ ތޮއްޖެހިފައެވެ. އިން ގޮނޑިން ފައިސާ ދައްކާ ކޮށިގަނޑާ ހަަމައަށް ގޮސް އެ ކޮށިގަނޑު ކައިރިން ދޮރުން ބޭރަށް ދަތުރު ކުރެވޭނީ އިންސާނާ ކޮންމެވެސް ކަހަލަ ދިޔާ އެއްޗަކަށް ވެގެންނެެވެ،" 

ނަޝީދު މި ވާހަކަތައް ގެންނަވާފައި ވަނީ ކިޔުންތެރިންނަށް އެކި މާނަކުރުންތައް ނެގޭ ގޮތަށެވެ. އެކަން ދޫކޮށްލަން ބޭނުން ވަނީ ވެސް ކިޔުންތެރިންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"...އަކުރުގަނޑުގައި އަޅާ ހިސާބުން ދެން އޮންނާނީ ކިޔުންތެރިޔާއަށް އެ މާނަކުރުމަށް،" ނަޝީދު ވިދާޅުވި އެވެ. 

"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެހެންވެ، ނަޝީދު އެދިވަޑައިގަތީ އެ ވާހަކަތަކާ މެދު ފުންކޮށް ވިސްނުމަށެވެ. އެ ކިޔުންތެރިއަކު އެ ވާހަކައަކީ ލޯބީގެ ވާހަކައެއް ކަމަށް ދެކޭ ނަމަ، އެގޮތަށް ހެއްވާ މަޖާ ވާހަކައެއް ކަމަށް ދެކޭ ނަމަ އެގޮތަށް މާނަކުރުމަށެވެ. 

"ކަންކަމާ ވިސްނާ ފިކުރުކޮށް ހަދަންޏާ އެހާ ތިލަތިލަކޮށް އެކަން ނުކުރައްވާށޭ. ތަންކޮޅެއް ފުންމިނަށް ބަލާފައި ނޫނިއްޔާ މިވެނި ކަމަކީ އެވެނި ކަމެކޭ ކިޔާ ދުއްވައިގަނެ، ކަންބޮޑުވެ މިހެން ނޫޅުއްވާށޭ،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުގެ މި ވާހަކަތަކުން ކިޔައިދޭ "ކުރުސީ" ގެ ކަންކަން ހުރި ގޮތުން އޭރު ރާއްޖޭގެ ނިޒާމުގައި ހުރި ކަންކަމާއި ސިޔާސީ ހާލަތާއި ތަހުގީގުގެ ކަންކަން ހުރިނެތް ގޮތް ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައި ވެ އެވެ. 

"ދިވެހި ގާނޫނުއަސާސީ ކިޔައިލި ދުވަހު ހަސަން ކުރުސީ ހިތަށް އެރިއެވެ. މިއޮތީ ދިރިއުޅުމުގައި ފަހަތަށް ދާނެ ހުރިހާ ގޮތެއް ބަޔާންކޮށްފައި އޮތް ފޮތެއް ކަމަށެވެ،" ވާހަކަގައި ނަޝީދު ލިޔުއްވާފައިވެ އެވެ. 

"ކުރުސީ" ގެ ހަޔާތުގެ މައްޗަށް ފަސް ވާހަކައެއް އޮތްއިރު، ނަޝީދު ވިދާޅުވާ ގޮތުން "ކުރުސީ" ގެ ހަޔާތުގައި އަދިވެސް ވަރަށް ގިނަ ކަންކަން އެބަ ހިނގަ އެވެ. އެފަދަ އެއް ވާހަކައެއް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވެ ދެއްވީ އެމަނިކުފާނު ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހު "ކުރުސީ" އަމަލުކުރި ގޮތެވެ. 

"ފެބުރުއަރީ ހަތެއްގައި ކުރުސީ ހުރީ ރައީސް ނަޝީދުގެ ބޮޑީގާޑަކަށް. އޭނާ ހުރީ ބަންޑޭރި ގޭގައި. ވަރަށް ޓްރެއިން އޮފިސަރެއްގެ ގޮތުގައި ހުރީ. މީނަގެ ޓްރެއިނިން ހުރި މިންވަރަކީ އެ ބަނޑޭރިގޭގެ ދަގަނޑު ދޮރު ލައްޕަލައްޕަ ހުއްޓާ އެ ދޭތެރެއަށް އަތް ކޮށްޕާލައިގެން އަތް ބިންދާލައިފި ރަނގަޅަށް ކަން ފަށައިނުގަނެވި އުޅެނިކޮށް..،" ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވި އެވެ. 

އެކަމަކު، "ކުރުސީ"ގެ ހަޔާތުގެ އިތުރު ވާހަކަތައް ދެން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރުމަށް ބޭއްވި ހަފުލާގެ ތެރެއިން: މި ފޮތުގައި ނަޝީދު ލިޔުއްވާފައިވާ ފަސް ކުރު ވާހަކަ ހިމެނޭ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮތުގެ އިޝްތިހާރުގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ފޮތް ނެރެނީ އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގަ އެވެ. 

"ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ކަނޑާލައިފި އެވެ. ފަހަށް ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަޅަން ހަދަން އުޅެގެން ހުސްވެއްޖެ އެވެ. ޗެއާޕާސަންގެ މަގާމަކަށް މުސާރައެއް ނޯވެ އެވެ،" ސަމާސާ ގޮތަކަށް ލިޔުއްވާފައިވެ އެވެ.

މި ފޮތް ނެރެފައިވަނީ އެ މަނިކުފާނުގެ ހިއްސާ އޮންނަ ޕަބްލިޝިން ހައުސްއެއް ކަމަށްވާ އޯޝަން ޕަބްލިޝާސްއިންނެވެ. ފޮތުގެ އަގަކީ 250ރ. އެވެ. 

ނަޝީދަކީ ސިޔާސީ ދަނޑަށް ނުކުމެވަޑައިގަތުމުގެ ކުރިން ލިޔުންތެރިއެކެވެ. އަދި ނޫސްވެރިއެއް ވެސް މެ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުކިޔައި "ސަންގު" ނޫހަށް ލިޔުއްވި އެވެ. އޭރު ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށްވެ ޖަލަށް ލި އެވެ. ތާރީހީ ފޮތްތައް ލިޔުއްވުމުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ނޫސްތަކަށް ދޭތެރެދޭތެރެއިން އެ މަނިކުފާނު ކޮލަމް ލިޔުއްވަ އެވެ.

ލިޔުއްވި ފޮތްތަކުގެ ތެރޭގައި "ދަގަނޑު ދަހަނާ"، "ކިއްލާ މާލެ"، "އެއްބަސްވެވޭ އިންގިލާބު"، އަދި "ދެރަދުން" އެވެ. އޭގެ އިތުރުން 1953 ވަނަ އަހަރު މުހައްމަދު އަމީންގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއު ކުރެއްވި އެވެ.