ސައުދީ އަރަބިއްޔާގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.
މަދީނާގައި ބާއްވާ އެ ކޮންފަރެންސަކީ "އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާއިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" ނަމުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ ހާއްސަ ކޮންފަރެންސް އެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޮންފަރެންސް ބާއްވަނީ ފިކުރީ ގޮތުން ކުރިމަތިވާ ނުރަނގަޅު ވިސްނުންތަކާއި ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވައި އެފަދަ ނުރައްކާތަކުން މުޖުތަމައު ރައްކާތެރިކުރުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމީ ދިރާސާތަކުގެ މާހިރުންނާއި އިސް އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ތަގުރީރު ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ސައުދީއަށް ފުރާވަޑައިގެންފައިވާއިރު، ރާއްޖެއާ އެކު އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސައުދީ އަރަބިއްޔާއިން ޝައުގުވެރިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.