އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފި އެވެ.

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އެގްރޯނެޓްގެ އެމްޑީގެ މަގާމަށް ސިނާން އައްޔަންކޮށްފައިވަނީ މިފްކޯގެ ބޯޑު ބައްދަލުވުމުގައި މިއަދު އެވެ. 

އޭނާގެ އިތުރުން އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވަނީ އައްޔަންކޮށްފަ އެވެ. 

ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކޮށް ދައުރު އަދާކުރަމުންދަނިކޮށް ސާބިތު ދަރަންޏެއް ނުދައްކާ ކަމަށް ނިންމައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

އޭގެފަހުން އޭނާ ވަނީ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރަން ޕީއެންސީއިން ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، ސިނާން ފަހުން ވަނީ އެ ފުރުސަތު ދޫކޮށްލައްވައިފަ އެވެ. 

އެގްރޯނެޓަކީ ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އުވާލަން ވެސް ކުރިން މި ސަރުކާރުން ނިންމި އެވެ.