އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ މިފްކޯ އާއި އެގްރޯނެޓް ސަބްސިޑަރީ ކުންފުންޏަކަށް ހެދުމުން ވަރަށް ގިނަ ކަންކަން ހާސިލްވާނެ ކަމަށެވެ.
އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމާއި ފުޑް ސެކިއުރިޓީގެ އަމާޒަށް ވާސިލްވުމުގެ އިތުން މަސްވެރިކަމާއި ދަނޑުވެރިކަން އެކުގައި ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި އެއާ އެކު، މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމުން މާލޭގައި އަލަށް ހަދާ މާރުކޭޓުގެ މަސައްކަތް ވެސް ނިމި ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ފައިދާވާނެ ގޮތަށް އެތަން ބަދަލު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި އެތަން ރަންކުރެވި، ވިޔަފާރިތަކާއި އާއްމުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި، ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ސަރުކާރުން ހަވާލުކުރަން ނުޖެހޭ ގޮތަށް އެ ތަން މިފްކޯއާ ހަވާލުކުރަނީ. އެ ތަން އަންނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 އަށް ނިމޭނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
އެފަދަ އެތައް ސަބަބަކަށްޓަކައި އެގްރޯނެޓް، މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭޕްރީލް 21، 2020 ގައި އުފެއްދި އެގްރޯނެޓަކީ ސަރުކާރުގެ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮމްޕެނީ (އެމްއެފްއެމްސީ) އަށް ނިސްބަތްވާ ކުންފުންޏެކެވެ.
އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމެވެ.