މާލޭ އުތުރު ފަރާތު ބަނދަރުގައި ލޯންޗުތައް ކައިރިކުރާ ސަރަހައްދުގައި ފިންގަ ޖެޓީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. 

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 25 މީޓަރު ފުޅާ ތިން ޖެޓީ އާއި 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީ ހަދާނެ ކަމަށެވެ. އެއީ 18.98 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

މަސައްކަތް ނިމުމުން ބަނދަރުމަތީގެ ތޮއްޖެހުން ކުޑަވާނެ ކަމަށާއި ބޭރުގައި އޮންނަ ލޯންޗުތަކަށް އެރުމަށް މިހާރު އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ދިއުމަށް އުފުލަންޖެހޭ ބުރައަށް ވެސް ނިމުމެއް އަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

 

ފިންގާ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ
ފިންގާ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި ޖެޓީތަކުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އާންމުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ އެވެ. 

އެ ކުންފުނިން ބުނި ގޮތުގައި ޖެޓީ ހެދުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާ ޖެޓީއާ ކައިރި ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެކަމުގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުކުރަން ވެސް އިތުރު ރައްކާތެރިކަމެއް ލިބޭނެ އެމްޓީސީސީން ބުންޏެވެ.