ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މި ހަފުތާގައި އެ މަގުގައި ތާރު އަޅަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުންޏާ ހަވާލު ކޮށްގެން މަގު ފުޅާކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓްމަހު ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ.
އެ މަސައްކަތް ނިންމާލުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި މަގު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
އެތަން ހުޅުވައި، ޖެހިގެން އައި ދުވަހު ވަނީ މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ފަށައިފަ އެވެ.
އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްޓީސީސީން ރޭ ބުނީ އެ މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދުގައި ސަބް ބޭސް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ހަފުތާގައި އޭބީސީ ލޭޔާ އެޅުމުގެ މަސައްކަތާއި ތާރު އެޅުމުގެ މަސައްކަތްތައް ފަށާނެ އެވެ. އަދި އެ ސަރަަހައްދުގައި ކުރިއަށް ގެންދާ އިތުރު މަސައްކަތްތައް ވެސް މި ހަފުތާގައި ނިމޭނެ ކަމަށާއި މަގުގައި ހުންނަންޖެހޭ ނިޝާންތައް ވެސް ހަރުކޮށް ނިމޭނެ ކަމަށް އެމްޓީސީސީން ބުންޏެވެެ.
އެ ކުންފުނިން ބުނީ ޒަމާނީ ފެންވަރަށް އެ މަގު ތަރައްގީވުމުން އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މިއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމާފައި ވަނީ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ނުވަތަ މި މަހުގެ 13 އަށް މަސައްކަތް ނިންމުމަށެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށެނީ މި މަހުގެ 18ގަ އެެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވީ، ބާޒާރުމަތީގެ ސަރަހައްދަކީ ވެހިކަލްތަކާ އެކު ތޮއްޖެހި، އަބަދު ވެސް ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވާއިރު، ހަތަރު ލޭން ލިބޭ ގޮތަށް މަގު ފުޅާކުރުމުން ވަރަށް ބޮޑު ލުޔެއް ލިބޭ ތަން ފަށާނެ ކަމަށެވެ.