މާލޭގެ އަމީނީމަގުގައި މިހާރު މަރާމާތު ކުރަމުން އަންނަ ބައިގެ ތިންވަނަ ސެގްމެންޓުގައި ތާރު އަޅުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އަމީނީމަގުގެ ތިން ވަނަ ސެގްމަންޓު، އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެމްޓީސީސީން ބުނީ އަމީނީމަގުގައި ކުރިއަށް ގެންދާ އޭބީސީ ފަށަލަ އެއްވަރު ކުރުމުގެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމާލުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ އެވެ. އެއާއެކު، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަމީނީ މަގުގައި ހުންނަ ފުލުހުންގެ ހެޑް ކުއާޓާ، އިސްކަންދަރުކޮށި ކުރިމަތި މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ-- ފޮޓޯ: އެމްޓީސިސީ
އަމީނީ މަގުގައި ހުންނަ ފުލުހުންގެ ހެޑް ކުއާޓާ، އިސްކަންދަރުކޮށި ކުރިމަތި މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ-- ފޮޓޯ: އެމްޓީސިސީ

ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި އޮތުމުން އެ ތާރުގަނޑު އެއްކޮށް ނަގައި، އެތަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. 

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގުގެ މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ހުޅުވާލާއިފަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއު، އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުގަ އެވެ. 

އަމީނީ މަގުގައި ހުންނަ ފުލުހުންގެ ހެޑް ކުއާޓާ، އިސްކަންދަރުކޮށި ކުރިމަތި މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ-- ފޮޓޯ: އެމްޓީސިސީ
އަމީނީ މަގުގައި ހުންނަ ފުލުހުންގެ ހެޑް ކުއާޓާ، އިސްކަންދަރުކޮށި ކުރިމަތި މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ-- ފޮޓޯ: އެމްޓީސިސީ

އަމީނީމަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. މަގު ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަސައްކަތް ފެށީ އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން، ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

ތާރު އަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ އޭރު ހަރަދުކުރި އެވެ.