މާލޭގެ އަމީނީމަގުގައި މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ. 

ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި އޮތުމުން އެ ތާރުގަނޑު އެއްކޮށް ނަގައި އެތަން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. 

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގު މަރާމާތު ކުރުމުގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ހަދަންޖެހޭ ސާވޭތައް ހެދުމަށްފަހު މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެވެ. 

އެމްޓީސީސީން ބުނީ އެ މަޝްރޫއުގައި އޭބީސީ އެޅުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ނިންމާފައިވާ ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރު އެވެ. 

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ/އެމްޓީސީސީ
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ/އެމްޓީސީސީ

އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. 

ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި އެ މަގުގެ މަސައްކަތް އޭރު ކޮށްފައިވަނީ ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ވެސް ކޮށްފައިވެ އެވެ.