މާލޭގެ އަމީނީމަގުގައި މަރާމާތު ކުރަމުންދާ ބައިގައި ތާރު އަޅަން ފަށައިފި އެވެ. 

ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި އޮތުމުން އެ ތާރުގަނޑު އެއްކޮށް ނަގައި އެތަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. 

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކުރީ ޖޫން މަހުގެ ފަހުކޮޅެވެ. 

އެ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ތާރު އަޅަން ހަމަޖެހިފައި އޮތް ނަމަވެސް އެ ދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެ ވާރޭވެހުމުގެ ސަބަބުން އެ މަސައްކަތް ލަސްވީ އެވެ. 

އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުުވި ގޮތުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ފަށައިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރު އެވެ. 

އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. މަގު ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަސައްކަތް ފެށީ އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން، ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ. 

ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި އެ މަގުގެ މަސައްކަތް އޭރު ކޮށްފައިވަނީ ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ވެސް ކޮށްފައިވެ އެވެ.