މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން އެމްޓީސީސީން ނިންމައިފި އެވެ.
އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ހަސަން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވިދާޅުވީ އަމީނީ މަގުގެ މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީ މަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިދިޔަ މަހުގެ 15 ގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި އެ މަގު އެއްކޮށް ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
ނަމަވެސް، އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. އެ މަގުގެ އެންމެ ފަހުން ހެދި ސަރަހައްދު، ދިވެހިރާއްޖޭގެ އަޑާއި ދިރާގު އިމާރާތާ ދެމެދުގައި އޮންނަ ބައިގެ ތާރުގަނޑު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ތާރު އަޅައިގެން އަމީނީ މަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެ މަގުގެ މަސައްކަތް ކޮށްފައި ވަނީ ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ވެސް ކޮށްފައިވެ އެވެ.