ކ. ހުރާ އިން ހިއްކާފައިވާ ބިމުން ދޫކުރާ ގޯތިތަކަށް އެެދި ކުރިމަތިލުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
އެ ރަށުން 1500 އަކަފޫޓުގެ 150 ގޯތި ދޫކުރާނެ އެވެ.
ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައި މިވަނީ ގޯތި ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އެކަމަކު ކުރިން ހުށަހެޅި ފޯމުތައް ބާތިލުނުވާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
ހުރާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެފޯމުތައް ބާތިލުނުކުރިޔަސް ފޯމުތަކަށް މާކްސް ދިނުމުގައި ބަލާނީ އާ އުސޫލަށް ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ފޯމު ދޫކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި ފޯމުތައް ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ޝަރުތުތައް
- ދިވެހި ރައްޔިތަކަށްވުން.
- ގޯތި ދޫކުރުމަށް އިއުލާންކުރެވޭ ދުވަހާ ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.
- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކަށްނުވުން.
- ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހަކަށް ލިބި އެފަދަ ގޯއްޗެއް އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން.
- ރާއްޖޭގެ އެއްވެސް ރަށަކުން ދިރިއުޅުމަށް ބަންްޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތްތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް/ ރޯހައުސް/ ހައުސިން ޔުނިޓެއް ލިބިފައިވެ، އެ ގޯތި ނުވަތަ ފްލެޓު ދުކޮށްލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސްވުން. އެފަދަ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބި ވިއްކާފައިވާ ނަމަ، ވިއްކިތާ 10 އަހަރު ދުވަސްވުން.
- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިގެ އުސޫލުން ބަހައިގެން ބިމުން ލިބެން އޮންނަ ބައި ބިމާބެހޭ ގާނޫނާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
ގޯއްޗަށް އެދި ހުށަހަޅާ ފޯމާ އެކު ހުރިހާ ލިޔެކިޔުމެއް ވެސް ހުށަހަޅަން ޖެހެ އެވެ. އޭގެ ތެރޭގައި ކުރީގައި ފްލެޓެއް ލިބިފައިވާ ނަމަ ދޫކޮށްލާފައިވާ ލިޔެކިޔުންތަކާއި ގޯއްޗަށް އެދޭ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ އެކަން ބަޔާންކުރާ އެންސްޕާ ލިޔުމަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ނަމަ، ކައިވެނީގެ ސެޓްފިކެޓް ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ.
އިއުލާނުގައިވާ ގޮތުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭނީ ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުން ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށެވެ. އަދި ޕޮއިންޓް އެއްވަރުވެއްޖެ ނަމަ ގޯތި ލިބޭނީ ގުރުނަގައިގެން އޭގެ ތެރެއިން ހޮވޭ މީހަކަށެވެ.