ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސައުދުﷲ ގެ ހަނދާނުގައި އެ ރަށުގައި އިއްޔެ ކްލިނިކެއް ހުޅުވައިފި އެވެ. 

އުމުރުން ހަ އަހަރުގައި އޮކްޓޯބަރު 2021 ގައި ސަދާ މަރުވީ ގަޔަށް ގޯސް އިންޖެކްޝަނެއް ޖެހިގެންނެވެ.

އެ މައްސަލައިގައި ހޮސްޕިޓަލްގެ ބޮޑު އިހުމާލެއް އޮތް ކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އަދި އެކަން ބެލުމަށް އެޗްއާރުސީއެމަށް ހުށަހެޅުމުން އެ ކޮމިޝަނުން ވެސް ވަނީ އިހުމާލު އޮތް ކަމަށް ނިންމައި، ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

ސަދާގެ ބައްޕަ، ސައުދުﷲ އަހުމަދު މިއަދު ބުނީ އިއްޔެއަކީ އޭނާގެ ހަޔާތުގައި އައި ވަރަށް ހާއްސަ އަދި އަސަރުގަދަ ކަމެއް ހާސިލްކުރެވުނު ދުވަހެއް ކަމަށެވެ. 

ދަރިފުޅުގެ ހަނދާނުގައި ބިނާކުރި "ފުވައްމުލައް މެޑިކަލް ސެންޓަރު" ރަސްމީކޮށް ހުޅުވައި އާއްމުންނަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށް ބުންޏެވެ.

ފުވައްމުލަކު މެޑިކަލް ސެންޓަރު ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސައުދު އާއި އޭނާގެ އާއިލާ އަދި އާއްމުންގެ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ސައުދުﷲ
ފުވައްމުލަކު މެޑިކަލް ސެންޓަރު ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސައުދު އާއި އޭނާގެ އާއިލާ އަދި އާއްމުންގެ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ސައުދުﷲ

"ލޯތްބާއި ހަނދާންތަކުން އުފަންވި ހުވަފެނެއް މިއަދު މިވަނީ ހަގީގަތަކަށް ވެފައި. މި މެޑިކަލް ސެންޓަރުގެ ޒަރީއާއިން ފުވައްމުލަކު ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ އާއްމުންނަށް ބޭނުންތެރި ހިދުމަތްތަކެއް ދެވޭނެ،" ސައުދުﷲގެ ފޭސްބުކްގައި ކުރި ޕޯސްޓުގައިވެ އެވެ. 

ސައުދުﷲ ބުނީ އެއީ ހަމައެކަނި ސިއްހީ ހިދުމަތް ދޭ ތަނެއް ނޫން ކަމަށާއި ލޯބިވާ ދަރިފުޅަށް ވެސް ކުރެވޭ އިހުތިރާމްގެ ހަދިޔާއެއް ކަމަށެވެ. 

ސަދާ.
ސަދާ.

"އެ ދަރިފުޅުގެ ހަނދާންތައް އަބަދު ވެސް ހިތުގައި އޮންނާނެ ގޮތަށް މި ހިދުމަތުގެ ސަބަބުން އެހެން މީހުންނަށް ލިބޭ މަންފާގެ ތެރެއިން ވެސް އެ ހަނދާންތައް އާލާވެގެންދާނެ،" ސައުދުﷲ ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން މިނިސްޓްރީން ހެދި ރިވިއުގައި 21 ކަމެއް ފާހަގަކޮށްފައިވެ އެވެ.

ފުވައްމުލަކު މެޑިކަލް ސެންޓަރުގެ ޑެންޓަލް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ސެޓަޕް.-- ފޮޓޯ: ސައުދުﷲ
ފުވައްމުލަކު މެޑިކަލް ސެންޓަރުގެ ޑެންޓަލް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ސެޓަޕް.-- ފޮޓޯ: ސައުދުﷲ

އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒާމިން ކޮށްފައި ނުވުން ހިމެނެ އެވެ. އެ ކަމުގެ ސަބަބުން ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައެއް ނުވެ އެވެ.

ކުއްޖާ އިމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައި ނުވުމާއި ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ކުއްޖާ ނުބަލާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށެވެ.