ޕެންޝަން ފަންޑަށް ގަވާއިދުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި ނަމަވެސް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ހޯއްދަވައި ރިކަވާ ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެ އިދާރާގެ ސީއީއޯ ޔަޒްމީދު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސީއީއޯ އެހެން ވިދާޅުވީ، ޕެންޝަން އޮފީހުން އިންތިޒާމު ކޮށްގެން ހދ. ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.
އޭނާ ވިދާޅުވީ، ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން ސްކީމުގައި ބައިވެރިއެއް ނުވެ އެވެ. އެކަމަކު، އެ ފަރާތްތައް ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމާ ގުޅޭ ކަންކަން މިހާރު ކުރިއަށް ގެންދަވާ ކަމަށް ސީއީއޯ ޔަޒްމީދު ވިދާޅުވި އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، މިދިޔަ 17 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނި 30 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި އެމްއާރްޕީއެސް މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމެންޓް ފައިދާ ހިމެނެ އެވެ.
ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަކޮށް، 60 ބިލިއަން ރުފިޔާއަށް އިތުރު ކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް ޔަޒްމީދު ވިދާޅުވި އެވެ. އެގޮތުން، ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް، އިންވެސްޓް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯއްދަވައިގެން ޕެންޝަން ފަންޑު މިހާރަށް ވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެ ގޮތަށް ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމް ތަރުތީބު ކުރައްވާފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވަނީ "3ޖެން ވޯކް" ފަދަ މުހިންމު އިވެންޓެއް ހަނިމާދޫގައި އިންތިޒާމުކޮށް، ކާމިޔާބުކަމާ އެކު ބޭއްވުމުގައި އެ ރަށު ކައުންސިލާއި މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި. ޝުކުރު އަދާކުރައްވައިފަ އެވެ.
ހަނިމާދޫ ކައުންސިލާ ގުޅިގެން ބޭއްވި މި ހަރަކާތުގެ ބޭނުމަކީ ޕެންޝަން އޮފީހުން ބުނި ގޮތުގައި، މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅުމުގެ އިތުރުން ފައިސާ ރައްކާ ކުރުމާއި އިންވެސްޓް ކުރުމާއި ރިޓަޔާމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމެވެ. އާއިލާތަކާއި މުޅި މުޖުތަމައު އެކުވެރިކަމާ އެކު އެއްތަނަކަށް ޖަމާވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު އެ ހަރަކާތުގެ ތެރެއިން ފަހިވި ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.