ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މަޝްރޫއަކީ ދިވެހިންނަށް އެތައް ގޮތަކުން ފައިދާކުރާނެ، ދިވެހި ސަރުކާރު ފުރިހަމަ ކޮންޓްރޯލް އޮވެގެން ހިންގާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރާ އެކި ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގިތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރަސްމާލެއިން އާންމުންނަށް ދޭ ގޯތިތަކާއި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް، އެތަނަކީ އަވަހަށް ތަރައްގީ އަންނަ ތަނަކަށް ވާން ޖެހޭ ކަމަށެވެ. ރަސްމާލޭގެ އެއް ބައިގައި އީގަލް ހިލްސްގެ ބޮޑު އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ނިންމީ އެ ތަރައްގީ ހާސިލްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

ހުޅުމާލެ ހިއްކާއި އެތަނުގައި މީހުން އާބާދުވެ، ތަރައްގީވާން އެތައް އަހަރެއް ހޭދަވި ކަމަށާއި، ނަމަވެސް، އެތަންތަނުގައި އަދިވެސް ރަނގަޅު އިންވެސްޓްމަންޓްތަކާއި "ފުލް ފެކްޓާސް"ތައް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ހުޅުމާލޭގައި ކިރިޔާ ވެސް ވިޔަފާރިތައް ކުރިއަރައި، އެތަނުގައި މީހުން ދިރިއުޅެން ފެށީ ސިނަމާލެ ބްރިޖާ އެކު ސަރަހައްދުގެ އިގުތިސާދަށް އައި ކުރިއެރުމާ އެކުގައި ކަމަށެވެ. ބްރިޖު އެޅުމުގެ ކުރިން ހުޅުމާލެއަކީ "ހަމައެކަނި ނިދާލައިފައި، މާލެ އަންނަ ތަނެއްގެ ގޮތުގައި" އޮތް ތަނެއް ކަމަށާއި މިހާރު ވެސް ހުޅުމާލޭގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް އުޅެން ޖެހިފައި ވަނީ އެ ކަހަލަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެހެންވާ ގޮތަކަށް ނޫން ކަންކަން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނީ. އެއަށް ވުރެ މާ ޕްލޭން ކުރެވިގެން، މާ ބާރު ސްޕީޑުގައި ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ޖެހޭނެ. ހާއްސަކޮށް ބޯހިޔާވަހިކަން ދެވެން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ. 

"އެހެންވީމަ، ރަސްމާލެއިން ރައްޔިތުންނަށް ލިބޭ ގޯތިތަކާއި ފްލެޓްތަކުގައި މީހުންނަށް އުޅެވޭނެ ގޮތް ވާނީ މުޅި ތަނުގެ ތަރައްގީ ކުރު މުއްދަތެއްގެ ތެރޭގައި ހާސިލްކުރެވިގެން. ވަޒީފާއަށް ދެވޭނެ ގޮތް ވެގެން. އަދި އެހެނިހެން ކަންކަން އެތަނުގައި ހަމަޖެހިގެން. އެހެންވީމަ، އެކަމަށް މަގުފަހިކުރުމަށްޓަކާ ރަސްމާލޭގެ އެއްބައިގައި މި މަޝްރޫއު [އީގަލް ހިލްސް] ހިންގުމަށް އަޅުގަނޑުމެން ނިންމި ސަބަބަކީ."

"ދައުލަތަށް ނޭނގި އޯނާޝިޕް ބަދަލެއް ނުކުރެވޭނެ"

ރައީސް ވިދާޅުވީ އީގަލް ހިލްސްގެ މަޝްރޫއުގެ ދަށުން ރަސްމާލޭގައި އިމާރާތްކުރާ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކަށް އެ ތަންތަން ދެނީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން އެ ފަރާތަކުން ޖެހޭނީ އެ ތަނެއް ދިވެހި ދައުލަތަށް ވިއްކަން ކަމަށެވެ. 

"ދައުލަތުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ، ވިއްކާނީ. ފުލް ކޮންޓްރޯލް، އޮތޯރިޓީ އޮންނާނީ ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް. އެހެންވީމަ، އޮޓޯއިން ރިނިއުވެ، އަނެއްކާ 99 އަހަރު ލިބި، އެ ކަހަލަ ކަމެއް ނޫން މިއީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ނޭނގި، އެހެން މީހަކަށް އެ ޕްރޮޕަޓީތަކުގެ އޯނާޝިޕް ވިއްކާ ނުލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެތަނަށް ކޮށްފައި އޮތް ހަރަދު ދީ އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިި އެވެ. 

ރައީސް ވިދާޅުވީ ރަސްމާލޭގައި އީގަލް އިލްސްއިން އިމާރާތްތަކުރާ ޕްރޮޕަޓީތައް އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ 25 ޕަސެންޓު ކަމަށެވެ. ރިއަލް އެސްޓޭޓާ ގުޅޭ ގާނޫނެއް ހެދުމަށް ވަރަށް އަވަހަށް މަޖިލީހަށް ބިލެއް ފޮނުއްވާނެ ކަމަށާއި އެ ގާނޫނުގައި އެ ކަންކަން ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.

މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.