ރަސްމާލޭގައި ތަރައްގީކުރާ މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓުން އެއްވެސް ތަނެއް ހޯދުން ނޫނީ ގަތުން އިޒްރޭލުގެ ރައްޔިތުންނަށް ގާނޫނުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެ ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގިތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރަން ކަމަށެވެ.

ރައީސް ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލެ ތަރައްގީކޮށް ބިނާކުރާ ޕްރޮޕަޓީސްތައް ގަންނަ މީހުންނަށް އެ ތަންތަން ދެނީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން އެ މީހުންނަށް ޖެހޭނީ އެ ތަނެއް ދިވެހި ދައުލަތަށް ވިއްކަން ކަމަށެވެ. 

"ދައުލަތުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ، ވިއްކާނީ. ފުލް ކޮންޓްރޯލް، އޮތޯރިޓީ އޮންނާނީ ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް. އެހެންވީމަ، އޮޓޯއިން ރިނިއުވެ، އަނެއްކާ 99 އަހަރު ލިބި، އެ ކަހަލަ ކަމެއް ނޫން މިއީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ނޭނގި، އެހެން މީހަކަށް އެ ޕްރޮޕަޓީތަކުގެ އޯނާޝިޕް ވިއްކާ ނުލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެތަނަށް ކޮށްފައި އޮތް ހަރަދު ދީ އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިި އެވެ. 

"މިހާރު ވެސް މިތަނުން ޕްރޮޕަޓީ ގަންނަން ޝައުގުވެރިކަން ފާޅުކުރުމުންދާ މީހުންނަށް ބަލާއިރު، ގާތްގަނޑަކަށް މުޅިންހެން ޖީސީސީ ގައުމުތައް މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މީހުން ތިބީ. ދިވެހި ރައްޔިތުންނާއި އަރަބިންނޭ އަޅުގަނޑު ދަންނަވާނީ މިތާ ތިބޭނީ، އަރަބި އިސްލާމުން،" ރައީސް ވިދާޅުވި އެވެ. 

"އެހެންވީމަ. އެއްވެސް ފުރުސަތެއް އޮތް ކަމެއް ނޫން، އަދި އަމުދުން އިޒުރޭލުގެ ރައްޔިތަކަށް މިތަނުން، ގާނޫނުން މަނާވާނެ، މިތަނުން އެއްވެސް ތަނެއް ހޯދުން. އެހެންވީމަ [އިދިކޮޅުން] މި ދައްކަނީ ބޭސްލެސް ވާހަކަތަކެއް."

"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ދިވެހިންގެ ހިތުގައި މި ގައުމަށް އޮތް ލޯބި އިތުރުކުރުމަށް ގައުމިއްޔަތު މަޝްރޫއު ފެށީ މި ސަރުކާރުން ކަމަށާއި އިޒުރޭލު މީހުން ރާއްޖެ އައުން ހުއްޓުވުމަށް އިޒުރޭލު ޕާސްޕޯޓު ވެސް މަނާކުރީ މި ސަރުކާރުން ކަމަށެވެ. އެހެން އެކަން ކޮށްފައި ވަނިކޮށް، މި ސަރުކާރުން އިޒުރޭލު މީހުން މި ތަނުގައި އާބާދުވާން ފުރުސަތު ދޭން އުޅޭ ކަމަށް ބުނުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. 

ރިއަލް އެސްްޓޭޓް ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު އެކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެހެން ދީންތަކަށް ވެސް ފުރުސަތެއް ނޯންނާނެ"

ރައީސް ވިދާޅުވީ ރަސްމާލޭގައި ބިދޭސީން އާބާދުކޮށް، އެހެން ދީންތަކުގެ މީހުންނަށް އެތަނުގައި ދިރިއުޅެވޭނެ ގޮތް ހަދަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ. ގައުމަށް ތަރައްގީ ބޭނުންވާ، ގައުމު ދެކެ ލޯބިވާ، އަދި ކަންކަމުގެ ހަގީގަތް އޮޅުންފިލުވަން ބޭނުންވާ މީހުން މި ކަހަލަ ވާހަކަތައް ނުދައްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރަސްމާލެއަކީ ހުރިހާ ގޮތަކުން ވެސް ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި އޮތް ބިމެއް ކަމަށާއި ދިވެހި ދައުލަތުގެ ގާނޫނުއަސާސީ އެތަނަށް ހިނގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ގާނޫނުއަސާސީ ވަރަށް ސާފު ކަމަށާއި އެހެންވީމަ، އިސްލާމްދީން ނޫން އެހެން ދީނެއްގެ ކަންކަން ޕްރެކްޓިސްކުރަން، އެހެން ދީނެއްގެ މީހުން އެތަނުގައި އެމީހުންގެ ދީނީ ކަންކަން ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ބިދޭސީންގެ ވާހަކަދައްކާއިރު، ޓޫރިޒަމްގެ ސިނާއަތަށް ބެލި ނަމަވެސް، ދެ ލައްކައެއްހާ ޓޫރިސްޓުން ރާއްޖޭގައި ނުޅޭއިރެއް ނުދާ ކަމަށާއި އެކަމަކު  ރިސޯޓުތަކުގައި އެހެން ދީންތަކުގެ އަޅުކަން ކުރާ ތަންތަން ނުހުންނަ ކަމަށާއި ހުންނަނީ މިސްކިތް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރަސްމާލޭގައި ވެސް ހުންނާނީ މިސްކިތްތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ރާއްޖޭގައި އުޅޭ ބިދޭސީންގެ މަސައްކަތު އާބާދީއަށް ބެލިޔަސް، މިއީ އަދި މާ ބޮޑު އާބާދީއެއް. އެކި ކަންކަމުގައި އުޅޭ ބިދޭސީންނަށް ބަލާއިރު އެންމެ ގިނަ ބިދޭސީން އުޅެނީ ވެސް މާލެ ސަރަހައްދުގައި. ލައްކައެއް ދެލައްކައެއްހާ ބިދޭސީން އެބައުޅޭ ކަންނޭނގެ މާލެ ސަރައްހަދުގައި ވެސް. މިކަމަކަށް، ސިޔާސީ ގޮތުން ވާހަކަދައްކާ އެއްވެސް ފަރާތަކުން ރިއާޔަތެއް ނުކުރޭ. އެހެންވީމަ މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ. 

"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި އީގަލް ހިލްސް އިން އިމާރާތްކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކާއި އެތަނަށް ދާ ޓޫރިސްޓުން ވެސް ގޮސްއައިސްވާނެ ކަމަށާއި އެތަނުގައި އެހެން ދީންތަކުގެ ކަންކަމަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ރަސްމާލޭގައި އީގަލް ހިލްސްގެ އިންވެސްޓްމަންޓް ހިންގާ ސަރަހައްދުގައި ނުހުންނާނެ ސްކޫލެއް އިމާރާތްކޮށްފައެއް ވެސް. މިވެސް ދައްކާ ވާހަކައެއް. އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތް ދޭ ފުލުހުންގެ މަރުކަޒެއް. އެބަ ވާހަކަދައްކާ އެތާކު ޕޮލިސް ސްޓޭޝަނެއް ވެސް ނުހުންނާނެޔޭ،" ރައީސް ވިދާޅުވި އެވެ. 

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.

މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.