ވިއްސާރައިގައި ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ 90 ޕަސެންޓު ގެތަކަށް ރޭ ފެން ވަދެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ ރަށަށް ވާރޭ ވެހެން ފެށީ ރޭ ދަންވަރު 1:30 ހާއިރެވެ.

އެންޑީއެމްއޭއިން ބުނީ ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 90 ޕަސެންޓު ގެތަކަށް ފެން ވަދެފައިވީ ނަމަވެސް އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެފައި ނުވާ ކަމަށެވެ.

ވިއްސާރާގައި ފިޔޯރީގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
ވިއްސާރާގައި ފިޔޯރީގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

ފިޔޯރީގައި ފެން ހިންދުމުގެ މަސައްކަތް ރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ.

އެންޑީއެމްއޭ އިން ބުނީ ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ފެންބޮޑުވުމާ ގުޅިގެން، އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ މުބާހު "މިހާރު" އަށް ވިދާޅުވީ އަދިވެސް އެ ރަށަށް ވާރޭވެހެމުންދާ ކަމަށެވެ. 

މެޓު އޮފީހުން ވަނީ މެންދުރުފަހު 1:30 އިން ފެށިގެން، ގއ. އާއި ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. 

ވިއްސާރާގައި ފިޔޯރީގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
ވިއްސާރާގައި ފިޔޯރީގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މި ދުވަސްވަރު ވިއްސާރަ ކުރި ނަމަވެސް ވައި މަޑުވެ، ކަނޑުތައް ވެސް މަޑެވެ. އެކަމަކު، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.