ގައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރެހެންދި އެވޯޑަކީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އަހަރުގެ ރެހެންދީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި އެވޯޑަށް ކުރިމަތިލެވޭނީ އަންހެނުންނާއި ޖަމިއްޔާ ޖަމާއަތްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. ވަކި ވަކި އަންހެނުންގެ ނަން ނުވަތަ ޖަމިއްޔާތަކުގެ ނަން އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށް ވެސް ހުށަހެޅޭނެ އެވެ.

އަންހެންނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ ކޮމިޓީ ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ކައުންސިކަށް ނުވަތަ އެހެން ފަރާތަކަށް ވެސް ހުށަހެޅޭނެ އެވެ.