ރަސްމާލޭގައި ހިންގަން ނިންމާފައިވާ ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި އެއްވުމެއް ބާއްވަން އިދިކޮޅު ބައެއް ފަރާތްތަކުން ނިންމައިފި އެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުން އުފައްދައިގެން އުޅޭ ހަރަކާތުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިއީ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރަން ހިންގާ މަޝްރޫއުއެއް ކަމަށް ކުރާ ތުހުމަތު ތަކުރާރުކުރައްވައި މިފަދަ އެއްވެސް ހަރަކާތެއް ހިންގަންވާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ވިދާޅުވެފަ އެވެ. 

ޔުަނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އުޅޭ "މޯލްޑިވްސް މެރީނާ އެންޑް ވޯޓާފްރޮންޓް" މަޝްރޫއަކީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވަން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އޭނާ ގެންދަނީ ތުހުމަތުކުރައްވަމުންނެވެ. 

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި ތަފާތު ދީންތަކުގެ، ތަފާތު ނަސްލުތަކުގެ މީހުން ވަޒަންވެރިކުރުމުގެ އެއްވެސް ހަަރަކާތެއް ހިންގަން ވާނީ ދިވެހިރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު. ވަކިން ހާއްސަކޮށް ޒަޔަނިސްޓް ޔަހޫދީން މިތާ ވަޒަންވެރިކުރުމަކީ ދިވެހިރައްޔިތުން ބަލައިގަންނަ ކަމެއް ނޫން. އެހެންވީމާ މީގެ އެއްވެސް ހަރަކާތެއް، ވަޒަންވެރިކުރުމާ ގުޅޭ އެއްވެސް ހަރަކާތެއް ހިންގަން ވާނީ ދިވެހި ރައްުޔިތުންގެ ހިޔާލު ހޯދުމަށް ފަހުގައި،" އިމްރާން ވިދާޅުވި އެވެ.

ދިވެހިރައްޔިތަކަށް ވެވޭނީ ސުންނީ މުސްލިމުންނަށް ކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައި ނޫނީ ރަސްމާލެ މަޝްރޫއު ނުހިންގަން ގޮވާލަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް މުއިއްޒު ވަނީ ދިވެހިރައްޔިތުންގެ ހިޔާލު ހޯދުން ނުވަތަ ރިފަރެންޑަމަކަށް ދިއުން ވަރަށް ފަސޭހަވެސް ކުރައްވާފައި. އެއީ އެމަނިކުފާނު މިފަދަ ކަންތައްތައް ކުރައްވަން ބޭނުންފުޅުވާލެއް ގިނަކަމުން ކަމަށް ވެސް ވެދާނެ،" އިމްރާން ވިދާޅުވި އެވެ.

ރަސްމާލޭ މަޝްރޫއާ ގުޅޭ ރިފަރެންޑަމެއް ބާއްވަން ޑިމާންޑްކުރުމަށް ތަރުތީބުވެގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އަންނަ މަހުގެ 6 ގައި އެކަމަށް ގޮވާލައި ބޮޑު އެއްވުމެއް ބޭއްވުމަކީ އެފަދަ އެއް މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ ކަމެއް ކަމަށް ސިފަކުރައްވައި އޭނާ ވިދާޅުވީ ދިފާއީބާރުތައް ވެސް އެހަރަކާތުގެ ބައިވެރިންނާ އެކުަގައި ތިބެންޖެހޭ ކަމަށެވެ. 

ރަސްމާލެ މަޝްރޫއާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރާ ތުހުމަތު ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. 

އެ މަޝްރޫއުގައި ބިނާކުރާ އެއްވެސް ތަނެއް ހޯދުން ނުވަތަ ގަތުން އިޒްރޭލުގެ ރައްޔިތުންނަށް ގާނޫނުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަދުވަހު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގިތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރާށެވެ.

ރައީސް ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލެ ތަރައްގީކޮށް ބިނާކުރާ ޕްރޮޕަޓީސްތައް ގަންނަ މީހުންނަށް އެ ތަންތަން ދެނީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން އެ މީހުންނަށް ޖެހޭނީ އެ ތަނެއް ދިވެހި ދައުލަތަށް ވިއްކަން ކަމަށެވެ. 

"ދައުލަތުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ، ވިއްކާނީ. ފުލް ކޮންޓްރޯލް، އޮތޯރިޓީ އޮންނާނީ ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް. އެހެންވީމަ، އޮޓޯއިން ރިނިއުވެ، އަނެއްކާ 99 އަހަރު ލިބި، އެ ކަހަލަ ކަމެއް ނޫން މިއީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ނޭނގި، އެހެން މީހަކަށް އެ ޕްރޮޕަޓީތަކުގެ އޯނާޝިޕް ވިއްކާ ނުލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރިސޯޓު ހިންގަން ރާއްޖޭގެ ރަށްރަށަށް މިހާރު ވެސް ދީފައި ހުރީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން، އެއްބަސްވުން އޮންނަ ގޮތުން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެތަނަށް ކޮށްފައި އޮތް ހަރަދު ދީ އެތަނެއް ދައުލަތަށް ނެނގޭނެ ކަމަށާއި ނުވަތަ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް އޮންނަ ކަމަށެވެ. ރަސްމާލެ މަޝްރޫއު ވެސް ހިންގަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިި އެވެ.