ރާއްޖޭގައި ބޭރުގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަކީ އަބަދުވެސް އިދިކޮޅު އެމްޑީޕީން މަރުހަބާ ކިޔާ ކަމެއް ކަމަށާއި އެކަމަކު ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު ފަދަ ބޮޑެތި އިންވެސްޓްމެންޓްތައް ގެންނަން ޖެހޭނީ ހާމަކަން ބޮޑުކޮށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވެސް ވާދަކުރައްވާ ފައްޔާޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ވަރުގަދަ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް ޓަކައި އިންވެސްޓަރުންގެ އިތުބާރު ލިބޭ ފަދަ ހަރުދަނާ މާލީ އަދި ގާނޫނީ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށާއި ސާފުކޮށް އެނގޭނެ ޓެކްސް އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށެވެ. މައްސަލަ ހައްލުކުރުމުގެ އިތުބާރުހިފޭ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މިފަދަ އިންވެސްޓްމެންޓްތައް ގެންނަން ޖެހޭނީ ހާމަކަންބޮޑުކޮށް، ދެފަރާތުގެ ހައްގުތައް ވެސް ރައްކާ ކުރެވޭނެ އިޖުރާއަތްތަކެއްގެ ތެރެއިންނެވެ. އެހެން ނަަމަވެސް ރަސްމާލޭގެ ދެބައިކުޅައެއްބައި ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި މީގެ އެއްވެސް ޝަރުތެއް ފުރިހަމައެއް ނުވެ އެވެ،" ބަޔާނުގައި ފައްޔާޒު ވިދާޅުވި އެވެ.
ބޮޑެތި އިންވެސްޓްމެންޓްތައް ގެނައުމުގެ ރަނގަޅު އުސޫލާ އީގަލްހިލްސް އެއްބަސްވުން ހިލާފުވާ އެއް ސަބަބު ކަަމަށް އޭނާ ވިދާޅުވަނީ އެ އެއްބަސްވުމުގެ ކޮމާޝަލް ޓާމްސް ރައްޔިތުންގެ މަޖިލީހަށާއި މީޑިއާއަށް އަދި އާއްމުންނާ ވެސް ހާމަކޮށްފައި ނުވުމެވެ.
ރަސްމާލޭގެ 500 ހެކްޓަރު އަގުކުރި ގޮތެއް ނޭނގޭ ކަމަށާއި ދޫކުރާ ބިމުން އެކަށީގެންވާ އަގެއް ދައުލަތަށް ލިބޭނެކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގަން އީގަލް ހިލްްސްއާ އެކު ސޮއިކުރި އެއްބަސްވުމާ ބެހޭ މައުލޫމާތު ސަރުކާރުން އޮޅުވާލަމުން ގެންދާ ކަމަށް ވެސް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.
"ސަރުކާރުން ނެރުނު ނޫސްބަޔާގައި، ފިޔަވަހިތަކަކަށް ބަހާލައިގެން 20 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ބުނެފައި އޮތް ނަމަވެސް އެއާ ގާތްކުރާ އަދަދެއްގެ ފައިސާ ވެސް ހަރަދު ކުރާނެ ކަމުގެ ޔަގީންކަން ވެސް އީގަލްހިލްސް އިން ދީފައެއް ނުވެ އެވެ. އީގަލް ހިލްސް އިން ނެރުނު ބަޔާނުގައި އެއްވެސް އަދަދެއް ޖަހާފައެއް ނުވެ އެވެ،" ފައްޔާޒު ވިދާޅުވި އެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރު ކުންފުންޏަކަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ގައުމަށް ކުރާނެ އަސަރުތައް ރައްޔިތުންނަށް ފުރިހަމައަށް ސާފުކޮށްދިނުމަށް ފަހު މެނުވީ މިފަދަ އެއްބަސްވުމެއް ކުރިއަށް ގެންގޮސްގެން ނުވާނެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ،" ބަޔާނާ އެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއާ ގުޅޭގޮތުން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން އީގަލް ހިލްސްއިން ބޭނުން ބަޔަކަށް ވިއްކޭ ގޮތަށް އޮތް ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތައް ސާފުކޮށް ތަފްސީލްކޮށް ދެއްވައިފަ އެވެ.
މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ އެވެ.
"ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ. ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު، ސަރުކާރަށް ހުށަހަޅަން ޖެހޭނެ. އަދި ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި، އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ތަނުގެ ޕްރޮޕަޓީއެއް ގަތަސް، ރާއްޖޭގައި ހުރުމުގެ އެއްވެސް ހައްގެއް ލިބޭނީ ވިސާ ދިނުމުގައި އަމަލުކުރާ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.