ހއ. ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000ރ. ދޭން އެ ރަށު އަންހެނުންގެ ކޮމެޓީން ނިންމައިފި އެވެ.

އެ ރަށު ކައުންސިލުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނީ 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މާދަމާގެ ނިޔަލަށް ނަން ނޯޓުކުރެވޭނެ ކަމަށެވެ. 

މިހާތަނަށް 20 ކުއްޖަކު ނަން ނޯޓު ކޮށްފައިވެ އެވެ. 

އެ ކޮމެޓީގެ ގަވައިދުގައި ބުނީ ޕްރޮގްރާމްގައި ބައިވެރިވެ ހިތުދަސްކުރާ ކުދިން ގުރުއާން ކިޔުއްވުން އޮންނާނީ އަންނަ ރޯދަ މަހުގެ ތެރޭގައި ކަމަށެވެ. އެކަން ކުރާނީ ގުރުއާން އިލްމުން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހެކެވެ. 

އެގޮތަށް ކިޔުއްވާއިރު ފާސްވެއްޖަނަމަ އިނާމެއްގެ ގޮތުގައި 1،000ރ. ލިބޭނެ އެވެ. 

އާބާދީގައި 1،209 މީހުން ދިރިއުޅޭ ފިއްލަދޫގައި މި ވަގުތު އެއްވެސް ހާފިޒެއް ނެތެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އެ ހާލަތު ބަދަލުކުރުމެެވެ.