ޚަބަރު

ދައްޕަރު އަލުން ވެސް ފިއްލަދޫގެ ބަޔަކަށް ހަދަން ގޮވާލައި ރައީސާއި މަޖިލީހަށް ޕެޓިޝަނެއް

"ސޭވް ދައްޕަރު" ޓީމުން ބުނީ މި ޕެޓިޝަނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް.

ަހއ. ފިއްލަދޫގެ އިހުތިސާސުން އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

21 ސެޕްޓެމްބަރ 2021 - 15:00

5 comments

ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ދެން ވެސް ހިމެނުނަށް ގޮވާލައި 450 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ދައްޕަރުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ އެކު، މި ޕެޓިޝަން ހުށަހެޅީ ފިއްލަދޫގެ ކައުންސިލާއި އެ ރަށުގެ މީހުން ގުޅިގެން ކުރިއަށް ގެންދާ "ސޭވް ދައްޕަރު" ކެމްޕެއިންގެ ދަށުންނެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް އަންނަނީ މި ކެމްޕެއިނަށް އެހީތެރިވަމުންނެވެ.

ޕެޓިޝަންގައި ބުނީ، ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ.

ހއ. ދައްޕަރު: އެތަން ފިއްލަދޫގެ އިހްތިސާސުން ބޭރު ކުރަން ވަނީ ނިންމާފައި.--

ފިއްލަދޫގެ މީހުން ބޭނުންވަނީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ވެސް ދައްޕަރު ހިމަނައި އެ ރަށް ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބޭ ތަނަކަށް ހެދުމަށް ކަމަށް 457 މީހުންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަނުގައި ވެ އެވެ. އަދި ރައީސްގެ ނިންމެވުން އަލުން މުރާޖައާ ކޮށްދެއްވުމަށް ވެސް އެދުނެވެ.

ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިސޯޓު ތަރައްގީ ކުރަން ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިސޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް އެ ތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ މާޗު މަހު އެވެ.

ނަމަވެސް، ފަހުން ރައީސް ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެގޮތަށް ނިންމެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ.

ފިއްލަދޫ ކައުންސިލުން ބުނެފައި ވަނީ އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރީ ސަރުކާރުން އެ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެވެ.

ހއ. ފިއްލަދޫގެ އިހުތިސާސުން އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

އެއްބާރުލުން ލިބޭނެ ކަމަށް މަޖިލީހުން ބުނި

"ސޭވް ދައްޕަރު" ކެމްޕެއިންގައި އިސްކޮށް އުޅޭ ފިއްލަދޫގެ ޒުވާނެއް ކަމަށްވާ މުހައްމަދު ވަހީދު "މިހާރު" އަށް ބުނީ މި ޕެޓިޝަނަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ޕެޓިޝަން ކޮމިޓީގެ ބޭފުޅުން ދެއްވި ކަމަށެވެ.

މި މައްސަލައިގައި އެ ރަށު ކައުންސިލާއި ރައީސް އޮފީހާ ދެމެދު މިހާރު ރަސްމީ މަޝްވާރާތައް ވެސް ފަށާފައި ވާތީ އުއްމީދު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރި އެވެ.

ވަހީދު ބުނީ މި ކެމްޕެއިން ފަށަން ޖެހުނީ ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ލިބެން ޖެހޭ "ފޮނި މީރުކަން" ގެއްލިގެން ދިއުމުން ކަމަށާއި މިއަދު މި މަސައްކަތް ނުކޮށްފި ނަމަ، ރާއްޖޭގައި މި ގޮތަށް ދެން ހުރި ބޮޑެތި އެހެން ރަށްރަށުގެ ބިންތަކާއި ފަޅުތައް ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން: "ސޭވް ދައްޕަރު" ޓީމުގައި އިސްކޮށް އުޅޭ މުހައްމަދު ވަހީދު ނޫސްވެރިންނާ ވާހަކަދައްކަނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

"ރައްޔިތުންގެ ބާރު ރައްޔިތުން މި ބޭނުން ކުރީ. ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންނާ ހިސާބުން. އެހާ ވަރަށް ރައްޔިތުން ކަމަކާ މެދު ގޮތް ނިންމަން ނުކުތީމާ، އެކަމާ ދެކޮޅަށް ނަހަދާނެ ކަމަށް އުއްމީދު ކުރަން،" ވަހީދު ބުންޏެވެ.

"މަޖިލީހުން ޔަގީންކަން ދެއްވި އެ ބޭފުޅުން މި އަށް އިހުމާލު ނުވާނެ ކަން. އެ ބޭފުޅުން ގެނައި ގާނޫނު އެ ބޭފުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވި."

މި މައްސަލަ ހައްލު ނުވެ އޮތުމުން ފިއްލަދޫގެ ލޭންޑް ޔޫސް އަދި ތަރައްގީ ޕްލޭނަށް ގޮތެއް ނުނިންމޭތީ، އެ ރަށުގެ ކައުންސިލަށް ވެސް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން "ސޭވް ދައްޕަރު" އާ ގުޅެން ޖެހުނީ ރައީސްގެ މި ނިންމެވުމަކީ ގާނޫނަކުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރަކަށް ވިޔަސް، ރައްޔިތުންގެ އަޑުއެހުމެއް ނެތި މިކަން ކުރައްވަން އުޅުއްވާތީ ކަމަށް އެ ޖަމިއްޔާގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރު ޝާޒިޔާ އަލީ ވިދާޅުވި އެވެ.

"މި މައްސަލައިގައި ރައްޔިތުންގެ އަޑުއެހުމަށް އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން: "ސޭވް ދައްޕަރު" ޓީމުގައި އިސްކޮށް އުޅޭ މުހައްމަދު ވަހީދު (މ) އާއި ޓްރާންސްޕޭރެންސީގެ ފަރާތުން ޝާޒިޔާ އަލީ (ކ) ނޫސްވެރިންނާ ވާހަކަދައްކަނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު

"ޓްރާންސްޕޭރެންސީން މި ކަމާ ގުޅުމުގެ އެއް ބޭނުމަކީ މި ކަހަލަ ކަމެއް ހަމައެކަނި ދިމާވާނީ ދައްޕަރަށާއި ފިއްލަދޫ އަށް އެކަނި ނޫން ކަމަށް އެކަށީގެން ވާތީ، ދެ ވަނަ ފަހަރަށް މި ކަހަލަ ކަމެއް އެހެން ރަށަކަށް ވެސް ދިމާވިޔަ ނުދިނުމަށް،" ޝާޒިޔާ ވިދާޅުވި އެވެ.

ވަރަށް ރީތި މޫދަކާއި ގޮނޑުދޮށެއް އަދި ކުޅިއެއް ވެސް އޮންނަ ދައްޕަރަށް ފިއްލަދޫގެ ބާރު ނުހިނގާ ގޮތް ހެދި އިރު، އެ ތަނުގައި ވަކި ކަމެއް ކުރުމަށް ކައުންސިލުން ނިންމައިފައެއް ނުވެ އެވެ. ނަމަވެސް ކައުންސިލްގެ ވިސްނުން ހުރީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން އެތަނުގައި ކުރެވޭނެ ވިޔަފާރިތައް ބެލުމެވެ.

ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަން ރާވަނީ ތަރައްގީ ކުރާ ތަންތަން ގަންނަ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ލިބޭ ގޮތަށެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

21 September 2021

ރާއްޖޭގެ އެންމެ ބިންބޮޑު އައްޑޫސިޓީއާއި ލ.ގުޅިފައިވާ ރަށްތަކުގެ އިތުރަށް މުސްތަޤުބަލުގައި ކ.އަތޮޅު މާލެ ފަހަތަށް ޖައްސާލާ ބިމުގެ ގޮތުން 3 ވަނަރަށަކީ ފިއްލަދޫ ކަމުގައި ވުމުގެ ފުރުސަތު ލިބެން އެބައޮތް. # އަތޮޅުގެ މުޅި ބަޖޭޓް ހޭދަކޮށްގެންވިޔަސް ފިއްލަދޫއާއި ދައްޕާރު ހިއްކެންއޮތް އެންމެ ބޮޑަށް ހިއްކުމަށްފަހު ހއ އަތޮޅުގައި ބިމެއްނެތް ރަށްވެހިންގެ ތެރެއިން އުމުރުން 18-50 އަހަރާއި ދެމެދު ކޮންމެ މީހަކަށް 1000 އަކަފޫޓުގެ ބިމެއްދީގެން އެއްފަސް ކުރޭ.

The name is already taken The name is available. Register?

ދޮންބެއަލީ

21 September 2021

ދައްޕަރު އެއީ ރާއްޖޭގެ އެންމެ ރީތި ޗާލު އެއްރަށް އެކަމަކު އެއީ ފިއްލަދޫގެ އެއްބައި މާލޭގެ މާފަންނު. ހެންވޭރު އޮންނަ ހެން ..ފިއްލަދޫ ޒުވާނުން އެދޭގޮތަށް އެތަން ފިއްލަދޫ އިން ވަކި ނުކޮށް ފިއްލަދޫ މީހުންނަށް ފައިދާ ވާނެގޮތަށް ތަރައްޤީކުރުމަށް ގޮވާލަން..

The name is already taken The name is available. Register?

ހާސަރު

21 September 2021

ތިޔައުޅެނީ ދައްޕަރު ސޭވެ ނުވެގެނެއްނޫން ، ފިއްލަދޫ އިހްތިސޯސްގައި ނެތަސް ދައްޕަރުގައި ސަރުކާރުން ކުރާކަމަކުން އެންމެ ފައިދާވާނީ ފިއްލަދޫއަށް . އަމިއްލަ ރަށުގައި އޮތް ބޮޑު ބިމުގައި ފައިދާ ހުރި އެއްވެސް ކަމެއް ކުރެވިފާ ނެތްއިރު އިތުރު ބޮޑު ބިމެއް ނުލިބިގެން އުޅެންޖެހޭ ސަބަބެއް ނޭގުނު. ތިޔައީ ސިސާސީ ކަންތައްގަނޑެއް . ރައްޔިތުންނަށް ފައިދާހުރި ކަމެއް ސަރުކާރުން ކޮށްފާނެތީ އިދިކޮޅުން ޖައްސާ މަޅިއެއްތީ.

The name is already taken The name is available. Register?

ހަސަނު ބޭ

21 September 2021

ލިޔުމުގައި ކުށެއް އެބައޮތެވެ. ދައްޕަރަކީ ވަކިރަށެއް ނޫން. ޒަމާނުއްސުރެން ރަށުގެ ( ފިއްލަދޫގެ) އެއްބަޔަށް ކިޔަމުން އަންނަ ނަމެއް.

The name is already taken The name is available. Register?

ފޫހި

21 September 2021

ސެކަންޑް ހޯމުގެ ގޮތުގަ މިހާރު ކެބުނެޓްގައި ތިބިމީހުންގެ ގެދޮރު ދޭންވީނު. މުޅި ގައުމު ފުޑާލައިފިއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454