މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 10 ބުރީގެ އޮފީސް އިމާރާތް ހުޅުވައިފި އެވެ. 

މީގެ 20 އަހަރުކުރިން އުފެއްދި އެމްޓީޑީސީ މީގެ ކުރިން ހިންގަމުން އައީ މާލޭގައި އެކި އޮފީސް އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ. 

ހުޅުމާލޭ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް އަލަށް އިމާރާތްކޮށްފައިވާ އެމްޓީޑީސީގެ އޮފީސް ބިލްޑިންގަކީ 3،345 އަކަފޫޓުގެ ބޮޑު އިމާރާތެކެވެ. އެ އިމާރާތް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނެވެ. 

އޮފީސްތަކުގެ އިތުރުން އެ އިމާރާތުގެ ބޭސްމަންޓުގައި ޕާކުކުރެވޭނެ ޖާގަ ހަދާފައިވެ އެވެ. ގްރައުންޑް ފްލޯގައި ކެފޭއެއް ހަދާފައިވާއިރު ކޮންވެންޝަން ހޯލެއް ވެސް މި އިމާރާތުގައި ހިމެނެ އެވެ. 

އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އެމްޓީޑީސީ ޓަވަރާ އެކު އެ ކުންފުންޏަށް ދާއިމީގޮތެއްގައި އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވިފައިވާ ކަމަށެވެ. 

އެމްޓީޑީސީން ތަަރައްގީކުރި އޮފީސް އިމާރާތް.
އެމްޓީޑީސީން ތަަރައްގީކުރި އޮފީސް އިމާރާތް.

ހާރިސް ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ވެސް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަން ކަމަށެވެ. އެ މަސައްކަތުގެ ދަށުން މާލޭ ސަރަހައްދުގައި އެފަދަ އިތުރު އިމާރާތެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

"އެމްޓީޑީސީ ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނީ އެމްޓީޑީސީއަށް އާމްދަނީ ލިބޭނެ ދާއިމީކޮށް އާމްދަނީކޮށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދައި ހަރުމުދާ ބިނާކުރުމަށް." 

ހާރިސް ވިދާޅުވި ގޮތުގައި އާމްދަނީ ލިބޭނެ އިތުރު ގޮތްތައް އެ ކުންފުނިން ހޯދަން މަސައްކަތްކުރަނީ އެހެން ބަޔަކަށް ބަރޯސާނުވެ އެ ކުންފުނީގެ އާމްދަނީގައި އުޅެވޭނެ މަގުފަހިކުރުމަށެވެ.

އެމްޓީޑީސީން ތަަރައްގީކުރި އޮފީސް އިމާރާތް.
އެމްޓީޑީސީން ތަަރައްގީކުރި އޮފީސް އިމާރާތް.

އެމްޓީޑީސީން މި އިމާރާތުން ޖާގަ އެހެން އޮފީސްތަކަށް ވެސް ކުއްޔަށް ދޫކުރާނެ އެވެ.  

ދިހަ ބުރީގެ އެ އިމާރާތް އެޅުމަށް އެ ކުންފުނިން ހުޅުމާލެއިން ބިމެއް ހޯދީ 2022 ވަނަ އަހަރުގަ އެވެ. އަދި ޗައިނާގެ ހުނާން ސިކްސް އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެ މަސައްކަތުގެ ދަށުން އިމާރާތުގެ ބިންގާ އަޅާއި މަސައްކަތް ފެށީ 2024 ވަނަ އަހަރުގަ އެވެ.