އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ މުގައްްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މި އަހަރު ވެސް ހޮވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ، ބަޖެޓް ހުށަހަޅުއްވައި ނިންމެވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅުއްވީ ބަޖެޓް ދިރާސާ ކުރާނީ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން ކަމަށެވެ. 

އެ ކޮމިޓީއަށް މުގައްރިރާއި ނައިބު މުގައްރިރު ހޮވަން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. 

ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

މިއީ މި އަހަރަށް ކަނޑައަޅާފައިވާ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މި އަހަރުގެ ބަޖެޓްގެ ޖުމްލަ އަކީ 59.7 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ނުލައި، ދައުލަތުގެ ބަޖެޓް މިދިޔަ 10 އަހަރު ވެސް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.  

ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މި އަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.