އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަމަށް ޖާގަ ރިޒާވްކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފި އެވެ.
އެ އިސްލާހު ގެނައުމުގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހައްޖުގެ ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރަން ރިޓަޔަމަންޓް ސޭވިން އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުސަތެއް ނޯވެ އެވެ.
އެކަމަކު އަމަލުކުރަން ފަށާފައިވާ އާ އިސްލާހާ އެކު ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރެވޭނެ އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއެއްގެ ޕެންޝަން އުމުރު ހަމަވެފައި ވިޔަސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ނުވަތަ ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ހަވާލުގައި ހައްޖަށް ދިއުމަށް ރިޓަޔަމަންޓް ސޭވިން އެކައުންޓުގައިވާ ފައިސާ ބޭނުންކުރެވިދާނެ އެވެ.
އެ ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި މަދުވެގެން 336،000ރ. ހުރި މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއް ނަމަ، ޝަރުތުހަމަވާނީ އެ އަދަދު އުނިކުރުމަށް ފަހު ވެސް އެކައުންޓުގައި 336،000ރ. ހަމަވާ ނަމަ އެވެ.
އެ އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެމްބަރުން ހައްޖު ދަތުރުގެ އަގުގެ 20 ޕަސެންޓް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން ކަނޑައަޅާފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެ އެވެ. އަދި ދަތުރުގެ ބާކީ 80 ޕަސެންޓަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެ އެވެ. އެކަމަކު އެ ފައިސާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ދާނީ އިންވެސްޓްކުރެވެމުންނެވެ.
އާ އިސްލާހުގައިވާ ގޮތުން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެ އެވެ. އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އަތުވެދާނެ އެވެ. އެކަމަކު އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށް ބަޔާންކުރެ އެވެ.
އިތުރު ކަންކަން:
- ހައްޖު ކޯޕަރޭޝަނުން ޖާގަ ރިޒާވްކޮށް، ޕެންޝަން އޮފީހަށް އަންގާ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ 80 ޕަސެންޓާ ހަމައަށް އެ ބައިވެރިއަކު އެދޭ އަދަދެއް، ހައްޖުވުމަށް ދޫކުރުމަށް ޕެންޝަން އޮފީހުން އެ އެކައުންޓުގައި ހިފަހައްޓަން ޖެހޭނެ.
- ފައިސާ ދޫކުރުމަށް ހައްޖު ގެންދާ ކުންފުނިން އެދުމުން، އެ ފައިސާ އެ ކުންްފުންޏަށް ދޫކުރުމާ ހަމައަށް ނުވަތަ ރިޒާވްކުރުން ބާތިލުކުރުމާ ހަމައަށް އެމީހާގެ އެކައުންޓުގައި އެ ފައިސާ ހުންނަންވާނީ ހިފަހައްޓާފައި.
- ފައިސާ ހިފަހައްޓާފައިވާ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއަކު ނިޔާވެއްޖެ ނަމަ، އެ ބައިވެރިޔާގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ފައިސާ ހިފެހެއްޓުން ނިމުމަކަށް އަންނާނެ.
- އެކައުންޓުން ހިފެހެއްޓުނު ފައިސާ، ޕެންޝަނާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮލެޓަރަލައިޒްކުރުމަށް ނުވަތަ އެފަދަ އެހެން ކަމަކަށް ވިޔަސް ބޭނުންނުކުރެވޭނެ.
- ފައިސާ ހިފަހައްޓާފައިވާ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއަކަށް ޕެންޝަން ދިނުމަށް ސްކީމުން ފައިސާ ދޫކުރެވޭނީ ހިފެހެއްޓޭ ފައިސާ އުނިކުރުމަށް ފަހު.
- ހައްޖަށް ދިއުމަށް ރިޒާވްކުރާ ޖާގައަށް ބަދަލު ގެނެވޭނީ ނުވަތަ ރިޒާވްކުރުން ބާތިލުކުރެވޭނީ ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން އެ ބައިވެރިއެއްގެ ރުހުމަކާ އެކު އެ ބައިވެރިއަކު އެކަމަށް އެދުމުން. [ހައްޖު ކޯޓާ އާއި ސަރުކާރުން ކަނޑައަޅާ ސިޔާސަތަށް ބަދަލުތަކެއް އައުމުން ހައްޖަށް ގެންދެވޭ މީހުންގެ އަދަދަށް ބަދަލު އައުންފަދަ ކުންފުނީގެ ބާރު ނުހިނގާ ކަމެއްގައި ޖާގައަށް ބަދަލެއް ގެންނަންޖެހޭ ހާލަތުގައި ޖާގައަށް ބަދަލު ގެނައުމުގެ އިހުތިޔާރު ލިބޭނެ].
ޕެންޝަން އިސްލާހުގައި ވަނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގަށް ބަދަލެއް އަތުވެއްޖެ ނަމަ، އަމަލުކުރަންޖެހޭނެ ގޮތް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދު ރިޒާވްކުރިއިރު ކަނޑައަޅާފައިވާ އަގަށްވުރެ ދަށް ނަމަ، ސޭވިން އެކައުންޓުން ހިފަހައްޓާފައިވާ ފައިސާ އިން އެ އަދަދު އުނިކުރަންޖެހެ އެވެ. އަދި އަގު މަތިވާ ހާލަތުގައި، އެކައުންޓުގައި އިތުރަށް ހިފަހައްޓަންޖެހޭ އަދަދަށް ފައިސާ ހުރި ނަމަ، އެ ފައިސާ ވަކި ގަވާއިދެއްގެ ދަށުން ހިފެހެއްޓޭނެ އެވެ. އަދި އެކައުންޓުގައި އެވަރަށް ފައިސާ ނެތް ނަމަ، އެ ފައިސާ އަމިއްލައަށް ދެއްކުން ނުވަތަ ރިޒާވުކުރުން ބާތިލުކުރުމުގެ އިހުތިޔާރު ވެސް ލިބިގެންވެ އެވެ.
އެއްވެސް ސަބަބަކާ ހުރެ އެ އަހަރުގެ ހައްޖަށް ނުދެވިއްޖެ ނަމަ، ހައްޖު ދުވަހުގެ ފަހުން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ބައިވެރިއަކު ހައްޖަށް ގެންދިއުމަށް ދޫކުރެވުނު ފައިސާ ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ޕެންޝަން އޮފީހަށް އަނބުރާ ރައްދުކުރަންޖެހެ އެވެ. ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ނިސްބަތްވާ މީހެއްގެ އެކައުންޓަށް ޖަމާކުރަންޖެހެ އެވެ.