ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން، ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ރާއްޖޭގެ ފަރާތުން ރައީސް ބަޔާން އިއްވަވާނެ ކަމަށެވެ. އަދި މަތީފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާ އެކު ބައްދަލުވުންތައް ބާއްވާނެ އެވެ.
ރައީސާ އެކު، އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތައް ހަލުވިކުރަން ބޭރުގެ ލީޑަރުންނާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސް (ޔޫއެންއެފްސީސީސީ) ގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.
އެންމެންގެ ބައިވެރިވުން އެކުލެވޭ މަސައްކަތްކުރަން ވިޔަފާރިވެރިންނާއި ޒުވާނުންނާއި މޫސުމާ ބެހޭ މާހިރުން އަދި މަދަނީ ޖަމިއްޔާތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެ އެވެ.
އެއީ 1992 ވަނަ އަހަރު ވުޖޫދުވި ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ ބައްދަލުވުމެވެ. އެ މުއާހަދާއަކީ 2015 ވަނަ އަހަރު އުފަންވި ޕެރިސް އެގްރީމެންޓުގެ އަސްލު ސަބަބެވެ.