އިންޑިއާގެ ވިސާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވިސާގެ މައިގަނޑު ކެޓަގަރީތައް މަދުކޮށް އަދި އެޕްލިކޭޝަން ފޯމުތަކުގައި ފުރަންޖެހޭ މައުލޫމާތުތައް މަދުކުރަން އެ ގައުމުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނިންމައިފި އެވެ.

އާ ނިޒާމުގެ ދަށުން ޓޫރިސްޓް ވިސާގެ ނަން "ވިޒިޓާ ވިސާ" އަށް ބަދަލުކޮށް، ބޭސްފަރުވާ އާއި ކިޔެވުމަށް ދާ މީހުންނަށް ވިސާ ލިބޭ ގޮތް ވަނީ އިތުރަށް ލުއިކޮށްފަ އެވެ. އަދި ޓެކްނޮލޮޖީގެ ބަދަލުތައް ނިމުމާއެކު މިއަހަރު ނިމުމުގެ ކުރިން އެ އުސޫލުތަކަށް އަމަލުކުރަން ފަށާނެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވިސާ އެއްބަސްވުމުގެ ދަށުން، ޓޫރިޒަމާއި ވިޔަފާރި އަދި ބޭސްފަރުވާގެ ބޭނުމުގައި އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ވެސް ކުރިން ވިސާ ނެގުމަކާ ނުލައި، ހަ މަސް ދުވަހުގެ ތެރޭގައި 90 ދުވަހުގެ މުއްދަތަކަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ. އަދި އިމަޖެންސީ ވިސާ ފިޔަވައި ދިވެހިންނަށް ދޫކުރާ ހުރިހާ ވިސާ އަކީ ވެސް ހިލޭ ދޫކުރާ ވިސާތަކެކެވެ.

އެހެންވެ، 90 ދުވަހަށް ވުރެ ކުރު މުއްދަތަކަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާގެ އުސޫލު ކުރިއެކޭ އެއްގޮތަށް ދެމިއޮންނާނެ އެވެ. ނަމަވެސް، 90 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އިންޑިއާގައި މަޑުކުރަންޖެހޭ ދިވެހިންނާއި ކިޔެވުމަށާއި ދިގު މުއްދަތުގެ ބޭސްފަރުވާއަށް ކުރިން ވިސާ ނަގައިގެން ދާ ދިވެހިންނަށް އާ ބަދަލުތަކުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބޭނެ އެވެ.

އާންމު ބޭސްފަރުވާއަށް ދާ މީހުންނަށް ދޫކުރާ އެމް-1 ވިސާ އާއި އާޔުރްވެދާ ފަދަ ފަރުވާތަކަށް ދާ މީހުންނަށް ދޫކުރާ އެމް-3 ވިސާ މިހާރު އާންމު އުސޫލުން އެއް އަހަރު ދުވަހުގެ މަލްޓިޕަލް އެންޓްރީއާ އެކު ލިބޭނެ އެވެ. އަދި ބަލިމީހާގެ އެހީތެރިންނަށް ވަކިން އެމް-2 އަދި އެމް-4 ވިސާ ލިބޭނެ އެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ދިވެހިންނަށް 90 ދުވަސް ހަމަވުމުން ކޮންމެ ފަހަރަކު ވިސާ އާކުރަން ޖެހުމުގެ ބުރަ ކުޑަވާނެ އެވެ.

ސްކޫލާއި ޑިގްރީ އަދި މާސްޓާސްއަށް ކިޔަވާ ދަރިވަރުންނަށް އެސް-1 ވިސާ ހާއްސަކޮށްފައި ވާއިރު އިންޑިއާ ސަރުކާރުގެ "ސްޓަޑީ އިން އިންޑިއާ" ޕޯޓަލް މެދުވެރިކޮށް އެޑްމިޝަން ހޯދާ ދަރިވަރުންނަށް ފަސް އަހަރު ނުވަތަ ކޯހުގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ އެވެ. އަދި ޕީއެޗްޑީ ރިސާޗާއި އިންޓާންޝިޕްތަކަށް ދާ ދަރިވަރުންނަށް ދޫކުރާނީ އެސް-2 ވިސާ އެވެ.

މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ވިސާއަށް އެދޭ ދިވެހިން، ކުރިން ފުރަންޖެހޭ ދިގު އެޕްލިކޭޝަން ފޯމުތަކުގެ ބަދަލުގައި މިހާރު ފުރަންޖެހޭނީ 65 އާއި 70 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މައުލޫމާތު މަދުކޮށްފައިވާ ފޯމެކެވެ.

މީގެ އިތުރުން 90 ދުވަހަށް ވުރެ ގިނަ ދުވަހު އިންޑިއާގައި މަޑުކުރަން ބޭނުންވާ ނުވަތަ ތަކުރާރުކޮށް ދަތުރުކުރާ މީހުންނަށް ދޫކުރާ ވީ-2 ވިޒިޓާ ވިސާ އެއް އަހަރު ނުވަތަ ފަސް އަހަރު ނުވަތަ 10 އަހަރުގެ މުއްދަތަށް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެ ވިސާގެ ދަށުން ކުރު ވިޔަފާރި ބައްދަލުވުންތަކާއި ޔޯގާ އަދި ސަގާފީ ކުރު ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.

އިންޑިއާގައި ވިޔަފާރިކުރާ ފަރާތްތަކަށް ބީ-1 ވިސާ ދޫކުރާއިރު، ކުރު މުއްދަތުގެ ކޮންފަރެންސްތަކާއި ކުޅިވަރު މުބާރާތްތަކާއި އައިޓީ އަދި ޓެކްނިކަލް މަސައްކަތްތަކަށް ދާ ފަރާތްތަކަށް ބީ-2 ވިސާ ލިބޭނެ އެވެ.