ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން އާއްމުންގެ އެހީއަށް ރޭ ހުޅުވާލައިފި އެވެ.
ގދ. ތިނަދޫގައި ހިންގާ ލޮކާސް ނަމަކަށް ކިޔާ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އިބްރާހިމް އަހުމަދުގެ ހަނދާނުގައި ބިނާކުރާ މިސްކިތަކީ، އޭނާގެ ރަނގަޅު ހަނދާންތައް އާކޮށް، އަންނަން އޮތް ޖީލުތަކަށް އެއިން ފައިދާކުރާނެ ކަމެއް ކުރަން ކުރާ ކަމެއް ކަމަށެވެ.
އެހެންވެ، 120 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރަން އާއްމުންގެ އެހީއަށް ވަނީ އެދިފަ އެވެ. އެކަމަށް 300،000ރ. ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
ލޮކާސްއަކީ ތިނަދޫގައި އިޖުތިމާއީ އެކި މަސައްކަތްތައް ކުރާ ޖަމިއްޔާއެކެވެ. ހާއްސަކޮށް ފުޓްސަލް މުބާރާތްތަކެވެ. އެ ޖަމިއްޔާއިން މީގެ ކުރިން ބޭއްވި އެފަދަ މުބާރާތްތަކުގައި، އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ އިބްރާހިމް އަހުމަދު ބައިވެރިވެ، މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެވެ.
މިދިޔަ އޮގަސްޓު 5 ވަނަ ދުވަހުގެ ރޭ ކަނޑުމަތީގައި ހިނގި އެ ހާދިސާގައި ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އިބްރާހިމް އަހުމަދު އަދި ފުލުހަކަށް އުޅުނު އަލީ ނާފިއު ގެއްލުނީ އެ ދޯނި ސަލާމަތްކުރަން އުޅެނިކޮށެވެ.
އެހެންވެ، ގެއްލުނު ތިން މީހުން ހޯދަން އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ވެސް ހަރަކާތްތެރިވި އެވެ.
އޭގެ ފަހުން އެމްއެންޑީއެފުން ބުނީ ހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުން ވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށެވެ. އަދި އެއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އެހެންކަމުން، މިހާތަނަށް ކުރި މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ އެވެ،" އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ބުނެފައިވެ އެވެ. އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް ދޯނީގެ އެއްކޮޅު އަޑިއަށްދެ އެވެ. އަދި ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ދަނީ އެވެ. އޭރު ދޯނި ކައިރީ އެހެން އުޅަނދެއް އުޅޭތީ ވެސް ފެނެ އެވެ.