ފުލުހުންނަށް ހިންގާ ކޯސްތަކާއި ތަމްރީނުތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި "އިހުތިރާމް" ހިމެނުމަށް ނިންމަވާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ އެގޮތަށް ނިންމެވީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާ ގުޅިގެން ކަމަށެވެ.
އެގޮތުން ފުލުހުންގެ ހިދުމަތުގެ އަސާސީ ތަމްރީނު ކޯހާއި ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި "އިހުތިރާމް" މާއްދާ ހިމެނުމަށް ނިންމަވާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
"މީގެ ސަބަބުން، ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ރޭ ވަނީ އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ރަސްމީކޮށް ފަށައިފަ އެވެ.
އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމް ގައުމަކަށް ވާއިރު އެކަކު އަނެއްކަކަށް އިހްތިރާމް އަދާކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
އެއްބަނޑުތިމާގެ ކަމާއި ރައްޓެހި ރަހުމަތްތެރިކަމުގައި އިހްތިރާމުކުރުން ދަމަހައްޓަންޖެހޭ ކަމަށާއި ގައުމުގެ ސުލްހަ މަސަލަސްކަމަށް އިހްތިރާމްކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމަށް ލިބިފައިވާ ރީތި ނަމާއި ގަދަރަށް އިހްތިރާމްކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.