ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އިދިކޮޅު ފަރާތްތަކާ ގުޅިގެން މާލީ ބަޣާވަތެއް ހިނގަން އުޅުނު ކަމަށް ކުރި ތުހުމަތުގައި ޖިނާއީ ތަހުގީގެއް ހިންގާނެ އަސާސެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.  

ގައުމީ ބޭންކް ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް 2024 ވަނަ އަހަރު ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް އޮގަސްޓް، 2024 ގައި އެ މައްސަލަ ބަލަން ފެށި އެވެ. 

ފުލުހުން އެ މައްސަލަ ބަލަން ފެށީ އެ ތުހުމަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވުމާ ގުޅިގެންނެވެ. އަދި ސަރުކާރުން އެ ތުހުމަތު ވަރަށް ބޮޑަށް އިދިކޮޅު ފަރާތްތަކަށް ކުރަމުންދިޔަ އެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން ބީއެމްއެލްގެ އޭރުގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ވެސް ދެއްވި އެވެ. 

އެ މައްސަލައިގެ ތަހުގީގު އޮތް ހިސާބެއް ސާފުކުރަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމުންގެ މީހަކު މިދިޔަ މަހު ހުށަހެޅި ހުށަހެޅުމެއްގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ. އަދި އެއީ އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމުން ކަމަށް ބުނެފައިވެ އެވެ. 

ފުލުހުން ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބޭންކުން ސަރުކާރުގެ ލަފައާ ހިލާފަށް، ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ގޮތަށް އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ބައެއް ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެއީ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން އޭރު ނިންމީ ސަރުކާރުގެ ލަފައާ ހިލާފަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރާއެކު ފަހުން ކުރި މަޝްވަރާތަކާއި އާންމުންގެ ފިއްތުންތަކާ ހެދި ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުއާމަލާތް ކުރެވޭ ގޮތް ހަދައިފަ އެވެ.