ސަސްޕެންޝަންގައި ހުންނެވި ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ އިއްޔެ މަގާމުން ވަކިކޮށްފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޝިއުނާ ވަކިކުރީ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވެގެން ކަމަށެވެ. 

އެކަން ކުރީ ފުރިހަމަ ތަހުގީގަކަށްފަހު ޝިއުނާއަށް ޖަވާބުދާރީވާން ފުރުސަތު ވެސް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިދާރީ މައްސަލައަކާ ގުޅިގެން ޝިއުނާ ސަސްޕެންޑުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ވަކިކޮށްފައިވަނީ އޭގެ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ. 

އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިވިޝަންގެ މަސައްކަތްތަކުގެ އިސްވެރިއަކަށް ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރު އެވެ.

އޭގެ ކުރިން އޭނާ ވަނީ އޭސީސީގެ ރައީސްގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.