ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ ސަސްޕެންޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެ އޮފީހުގެ އިދާރީ މައްސަލައަކާ ގުޅިގެން ޝިއުނާ ސަސްޕެންޑުކުރީ ދުވަސްކޮޅެއް ކުރިންނެވެ. އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޕެންޝަން އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވަކިވަކި މުވައްޒަފުންގެ އިދާރީ ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަން ހަމަޖެހިފައިނުވާ ކަމަށެވެ.
ނަމަވެސް އެ އޮފީހުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސައި އާއްމު އުސޫލުން އެކަން ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"…މެންބަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށާއި މެންބަރުންގެ ޕެންޝަން ފަންޑުގެ ރައްކާތެރިކަމަށް ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދީގެން ބަލަހައްޓަމުންދާނެ އެވެ،" ލިޔުމުން ދިން ޖަވާބުގައި އޮފިޝަލް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިވިޝަންގެ މަސައްކަތްތަކުގެ އިސްވެރިއަކަށް ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރު އެވެ.
އޭގެ ކުރިން އޭނާ ވަނީ އޭސީސީގެ ރައީސްގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.