ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނެ ކަމަށް  ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލަށް އައްޔަންކުރި ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު ޔަޒްމީދް ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރުމާ އެކު ޔަޒްމީދު މަގާމުގެ ޒިންމާތަކާ މިއަދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. 

ޔަޒްމީދަށް މަރުހަބާ ދަންނަވަން މިއަދު ޕެންޝަން އޮފީހުގައި އޮތް ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ޕެންޝަން އޮފީހުގެ އެންމެހައި ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ޒަމާނީ، ހަރުދަނާ، އުފެއްދުންތެރި އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ފާހަގަކުރައްވަމުން، ޔަޒްމީދު ވިދާޅުވީ އެއްވެސް މުވައްޒަފަކު މާޔޫސްވިޔަނުދީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ. 

ޕެންޝަންގެ ކަންތައް ބަލަހައްޓާ އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ޝުޖާތާ ހަލީމް މިިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ. 

އޭނާ އިސްތިއުފާ ދެއްވީ ޕެންޝަން އޮފީހުން ސަރުކާރަށް ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން އިގްތިސާދީ ދާއިރާ ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.